މޮސްކޯ (23 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައި އެކަނި ކަމަށް ރަޝިއާ ރައީސް އޮފީހުގެ ތަރުޖަމާނު މީތުރީ ޕެސްކޯވް ވިދާޅުވެއްޖެ އެވެ.
ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ޕެސްކޯވް ވަނީ ޔޫކްރެއިންގައި ރަޝިއާއިން ހާސިލްކުރަން ބޭނުންވާ މަގުސަދުތައް އަދި ހާސިލް ނުވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތީ ރަޝިއާއަށް ކާމިޔާބީގެ ދުވަސްތައް ކަމަށް ވިދާޅުވެފަ އެވެ..
ރަޝިއާއިން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެތޯ ސުވާލުކުރުމުން ޕެސްކޯވް ވަނީ އެއީ ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާ ވެއްޖެނަމަ ވުން އެކަށީގެންވާ ކަމެއް ކަމަށެވެ.
"ގައުމީ ސަލާމަތަށް ނުރައްކާވާނަމަ އެކަމަށް ކަނޑައެޅިފައިވާ ސިޔާސަތު ތަކުގެ މަތިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރެވޭނެ،" ޕެސްކޯވް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ޕުޓިންގެ ބޭނުންފުޅަކީ ރަޝިއާއިން ބޭނުންވާ ކަންތައްތައް އެމެރިކާއާއި ޔޫރަޕަށް އަންގައިދިނުން ކަމަށާއި ނަމަވެސް ނުރައްކާ ބޮޑުވުމުން ހާއްސަ މިލިޓަރީ އޮޕަރޭޝަނެއް ފަށަން ޖެހުނީ ކަމަށެވެ.
"އަހަރުމެން ބޭނުންވާ ކަންތައް ދުނިޔެއަށް އަންގައިދޭން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެއްވެސް ކުރިއެރުމެއް ނުލިބުމުން މި ފިޔަވަޅު އަޅަން މަޖުބޫރުވީ،" ޕެސްކޯވް ވިދާޅުވި އެވެ.
ރަޝިއާއިން މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ އެގައުމުން ހަނގުރާމައިގައި ނިއުކްލިއާ އަދި ބޮއޮލޮޖިކަލް ހަތިޔާރު ބޭނުންކުރަން ވިސްނަމުންދާ ކަމަށް އެމެެރިކާއިން ބުނެފައި ވަނިކޮށެވެ. -- އަލް އަރަބިއްޔާ