ވޮޝިންޓަން (23 މާޗް) - އެމެރިކާގެ އެންމެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރު މެޑަލިން އޯލްބްރައިޓް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 84 އަހަރުގެ މެޑަލިން އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ އެންމެ ފުރަތަމަ އަންހެން ސްޓޭޓް އޮފް ސެކެޓްރެޓަރީގެ ގޮތުގައި މެޑަލިން ޚިދުމަތް ކުރައްވަން ފެއްޓެވީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގަ އެވެ. އެގޮތުން 1996 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު ވަންދެން އޭނާ ވަނީ އެ މަގާމު ފުރުއްވާފަ އެވެ.

މެޑަލިންއަކީ އޭނާގެ ދައުރުގައި އެމެރިކާގެ އެންމެ ނުފޫޒުގަދަ ޝަހްސިއްޔަތުތަކުގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ޚާރިޖީ ގުޅުންތައް ދެމެހެއްޓުމުގައި އެދުވަސްވަރު މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

"ގެއްލިގެން އެ ދިޔައީ އޯގާތެރި މަންމައެއް. މާމައެއް އަދި ރައްޓެއްސެއް،" މެޑަލިންގެ އާއިލާއިން ޓްވިޓާގައި އާއްމުކުރި ބަޔާނުގައިވެ އެވެ.

މެޑަލިން ފާހަގަ ކުރެވިފައިވަނީ އޭނާގެ މަގާމުން ވަކިވުމަށް ފަހު ވެސް އެމެރިކާގެ ސިޔާސަތުތަކާ މެދު އާއްމުކޮށް ޚިޔާލުފާޅު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ ވަނީ ފާޅުގައި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަށް ފާޑު ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި މުސްލިމުންނާ ދެކޮޅަށް ގެންގުޅުނު ސިޔާސަތުތަކަށް ދެކޮޅު ހައްދަވަމުން މެޑަލިން ވަނީ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ތައްޔާރުކަމަށް ވިދާޅުވެ ޓްވީޓް ވެސް ކުރައްވާފަ އެވެ.

މެޑަލިން އަވަހާރަވި ހަބަރާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ހަބަރު އެއްސެވީ ނުހަނު ހިތާމައާއެކު ކަމަށާއި މެޑަލިންގެ ހިދުމަތްތަކަކީ އަަބަދުވެސް ފާހަގަ ކުރެވޭނެ ހިދުމެތްތަކެއް ކަަމަށް ވިދާޅުވެފަ އެވެ. -- ސީއެންއެން