ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "ގަޟާއީ އަހަރު 2022" ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ގަޟާއީ އަހަރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތަށް ކަނޑައެޅުމެވެ.

މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ 2021 ވަނަ އަހަރުގެ މަސައްކަތްތައް އަދި 2022 ވަނަ އަހަރުގެ ލަނޑުދަނޑިތައް ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް ދައްކާފައިވެ އެވެ.

ޝަރުޢީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތަޢާރަފްކުރެވިފައިވާ ތިން އެޕްލިކޭޝަނެއް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ވަނީ ސްޓޭޓް އޮފް ޖުޑީޝަރީ އެޑްރެސް އިއްވަވާފަ އެވެ.