ވޮޝިންޓަން (26 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ލަޝްކަރު ވަރުގަދަކުރުމުގެ ގޮތުން އިތުރު ސިފައިން ޔޫކްރެއިންއަށް ފޮނުވަމުންދާ ކަމަށް ޕެންޓަގަންއިން ހާމަކޮށްފި އެވެ.

އެގޮތުން ޖޯޖިއާގައި ތިބި ރަޝިއާ ސިފައިން ޔޫކްރެއިންއަށް ދާން މިސްރާބު ޖަހާފައިވާ ކަމަށް ޕެންޓެގަންގެ ސީނިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

"ޖޯޖިއާއިން އިތުރު ސިފައިން ގެންނަން އުޅޭކަން ޔަގީންވާ ހަރަކާތްތަކެއް އަހަރުމެންނަށް ވަނީ ފާހަގަ ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ޖޯޖިއާއިން ޔޫކްރެއިންއަށް އެތެރެވާ ސިފައިންގެ ސީދާ އަދަދު ކަނޑައެޅިގެން ނޭނގުނު ނަމަވެސް އެއީ ރަޝިއާގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށް ފުދޭ އަދަދަކަށް ވާނެ ކަމަށް ޕެންޓެގަންއިން ބުނެ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާރު ރަޝިއާގެ އަމާޒަކީ ވެރިރަށް ކީވްއަށް ވުރެ ބޮޑަށް ޑޮންބަސް ކަމަށް މަސްދަރުތައް ބުނެ އެވެ.

ރަޝިއާ އަސްކަރިއްޔާގެ ގިނަ ހަތިޔާރުތަކެއް މިހަނގުރާމައިގައި ބޭނުން ކުރަމުން ދިޔަ ނަމަވެސް ހަތިޔާރުތައް މަދުވެފައިވާ ކަމަށް ރިޕޯޓުތައް ލިބެ އެވެ.

މީގެ ކުރިން ރަޝިއާއިން ޗައިނާގެ އަސްކަރީ އެހީއަށް އެދުނު ކަމުގެ ރިޕޯޓުތަކެއް ފެންމަތިވި ނަމަވެސް ޗައިނާއިިން ވަނީ އެކަން ދޮގު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ