އޭޝިއާގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ޓިއުލިޕް ބަގީޗާ އިން އާއްމުންނަށް ވަދެވޭ ގޮތަށް މި މަހުގެ 23 ވަނަ ދުވަހު ހުޅުވާލައިފި އެވެ.

އިންޑިއާގެ ޖައްމު ކަޝްމީރުގެ ވެރިރަށް ސްރީނަގަރްގައި ހުޅުވި މި ބަގީޗާއަކީ ޖާގައިގެ ގޮތުންނާއި މާ ގަސްތަކުގެ އަދަދަށް ބަލާއިރު ވެސް މިހާތަނަށް އޭޝިއާގައި ހުޅުވި އެންމެ ބޮޑު ބަގީޗާ އެވެ.

ސިރާޖު ބާގުގެ ނަމުން ނަން ދީފައިވާ ބަގީޗާގައި 68 ވައްތަރުގެ 15 ލައްކައަށްވުރެ ގިނަ މާ ފޮޅިފައިވާއިރު މިއީ ހުރިހާ މޫސުމެއްގައި ވެސް ބަލާލަން ކަމުދާނެ މަންޒިލެކެެވެ.

ސިރާޖު ބާގުގައި މީހުން ހަރަކާތްތެރިވަނީ

ބަގީޗާ އާއްމުކޮށް ހުޅުވާލި ފުރަތަމަ ދުވަހު ވެސް އެތައް ސަތޭކަ ބަޔަކު އެތަނަށް ގޮސްފައިވާއިރު ކުރިއަށް އޮތް ތަނުގައި މި އަދދު އިތުރުވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ.

ބަގީޗާ ހުޅުވައިދެމުން ޖައްމު އެންޑް ކަޝްމީރުގެ ޗީފް ސެކެޓްރަރީ އޭ ކޭ މެހްތާ ވިދާޅުވީ މި ބަގީޗާގެ ސަބަބުން ޖައްމު އަދި ކަޝްމީރުގެ ފުރިހަމަކަން އިތުރުވެ ފަތުރުވެރިންގެ އަދަދު ވެސް ގިނަވާނެ ކަމަށެވެ.