ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހް އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.
އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މީދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 115 މީޓަރުގެ ބޭރުތޮށީ ޖެހުމާއި 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެ އެވެ.
މި ބަނދަރު ހުޅުވައިދެއްވުމަށްފަހު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބަނދަރު ހަވާލުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި ބަނދަރުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ. ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 624 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 114 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި 742 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ “ވިލުނު” އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފަ އެވެ.