ލިވީވް (28 މާޗް) - ހޫނުވެފައިވާ ރަޝިއާ އަދި ޔޫކްރެއިންގެ މަޝްރަހު ފިނިކުރުމަށްޓަކައި ސުލްހައިގެ މަޝްވަރާތަކުގެ އާބުރެއް މިއަދު ތުރުކީގައި ފަށަން ހަމަޖެހިއްޖެ އެވެ.

މި މަޝްވަރާތަކުގައި ރަޝިއާގެ އަތްދަށުގައިވާ ކްރިމިއާއާއި ޑޮންބަސްގެ ޚާރިޖީ ސިޔާސަތުތަކާއި ޔޫކްރެއިންއާއި ހުޅަނގާ ދެމެދު އޮތް ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

ސުލްހަ ގާއިމުކުރުން އިތުރަށް ލަސްކުރެވެން ނެތް ކަމަށް ވިދާޅުވަމުން ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންްސްކީ ވަނީ ހުޅަނގަށް ކުރާ ތާއީދު އަނބުރާ ގެނެސް އެއްވެސް ކޮޅަކަށް ނުޖެހޭ ދައުލަތެއްގެ ގޮތުގައި ޔޫކްރެއިންވުމަށް ތައްޔާރުކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

ރަޝިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޒެލެންސްކީ ވަނީ ދެ ފަރާތް އެއްބަސްވާ ހައްލަކަށް އައުމަށް ތައްޔާރުކަމަށް ވިދާޅުވެފަ އެވެ. ރަޝިއާގެ ސަރުކާރުން ވަނީ މި އިންޓަވިއު އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރުން ހުއްޓުވުމަށް މަސައްކަތް ކޮށްފަ އެވެ.

މީގެ ކުރިން އޮންލައިން ކޮށް ދެ ގައުމުގެ މެދުގައި މަޝްވަރާތައް ބޭއްވި ނަމަވެސް ތުރުކީގައި ބޭއްވޭ މަޝްވަރާގެ ބުރަކީ ސީދާ ބައްދަލުވެ ކުރިއަށް ގެންދެވޭ ފުރިހަމަ މަޝްވަރާތަކެވެ.

ދެގައުމުން ވެސް މަޝްވަރާތަކަށް އެއްބަސްވީ ނަމަވެސް މި މަޝްވަރާތަކުން މާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އޮފިޝަލުން ބުނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް