އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް ސައުދީ އަރަބިއްޔާއިން ވެސް ތާއީދުކުރާނެކަން ހާމަކޮށްފި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު ވަޑައިގަތުމަށް އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ. ބައެއް ގައުމުތަކުގެ ތާއީދު ޝާހިދަށް މިހާރު ވަނީ ލިބިވަޑައިގެންފަ އެވެ. އެ ގޮތުން ސައުދީ އަރަބިއްޔާއިން ވެސް ޝާހިދަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރުމަށް ތާއީދުކުރާކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަޙްމަދު އަލް ޖުބައިރު ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި އޭނާ ވަނީ ބޮޑު ޝަރުތެއް ކުރިމަތިކުރައްވައިފަ އެވެ. އެއީ ދުވަހަކު ވެސް ގަތަރާއެކު ސިޔާސީ ގުޅުން ގާއިމުނުކުރުމަށެވެ.
ޢާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއިން ވެސް ތާޢީދުކުރާނެ ކަމަށް ދާދި ފަހުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއެކު ބޭއްވެވި މަޝްވަރާތަކުގައި ވަނީ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ހޯދައިދިނުމަށް އެ ގައުމުން މަސައްކަތްކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހު އެވެ.
އެގޮތުން ކޮންމެ އަހަރަކު ވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެ ވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ތުރުކީގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ގައުމަކަށެވެ. ޝާހިދު ވާދަކުރައްވަނީ މި ސަރަހައްދަށެވެ. އދ.ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގަ އެވެ.
މި ކަމަށް ދިވެހި ސަރުކާރުން ކިހާ ޚަރަދެއް ކުރަންޖެހޭތޯ؟ މިފަދަ ދަނޑިވަޅެއްގައި މިކަން ތޯ ކުރުން މުހިންމީ ނޫނީ ދަރަނި ދެއެްކުންތޯ ހިތަށް އަރާ.