ލިވީވް (29 މާޗް) - ޔޫކްރެއިންގެ ވެރިރަށް ކީވްގައި މާޗް މަހުގެ ތިންވަނަ ދުވަހު ރަޝިއާއާއެކު ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ރަޝިއާގެ މަހުޖަނު އަދި އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ޒަހަރު ދީފައިވާ ކަމަށް ޚަބަރު ފެތުރިއްޖެ އެވެ.

އަބްރަމޮވިޗްގެ އިތުރުން ރަޝިއާ ވަފްދުގެ އެހެން މެމްބަރަކާއި ޔޫކްރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެސް ވިހަ ވުމުގެ އަލާމާތްތައް ކުރިމަތިވެ ފަރުވާ ހޯދަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަބްރަމޮވިޗްގެ ތަރުޖަމާނު ބުނިގޮތުގައި އޭނާގެ ލޯ ރަތްވުމާއި މޫނުގެ ހަންގަނޑު ނެއްޓުން ފަދަ ކަންކަަން އަބްރަމޮވިޗަށް ކުރިމަތިވި އެވެ.

ހަމައެއާއެކު މަދު ގަޑިއިރު ކޮޅަކަށް އަބްރަމޮވިޗްގެ ލޮލުގެ ފެނުން ގެއްލި ތުރުކީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަން ޖެހުނު ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ޔޫކްރެއިންގެ ދައުވަތަކަށް މަޝްވަރާތަކުގައި ބައިވެރިވި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް ވަނީ ރަޝިއާއާއި ޔޫކްރެއިންގެ ދެމެދުގައި ސުލްހަ ގާއިމުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މި ހާދިސާ ތަހުގީގުކުރި ޓީމުން ވަނީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލުންގެ ތެރެއިން ތިން މީހަކަށް ޒަހަރު ދީފައިވާކަން ޔަގީން ކޮށްދީފަ އެވެ. އެގޮތުން ޒަހަރު އެއްކޮށްފައިވަނީ މަޝްވަރާތަކުގައި ބޭނުން ކުރި ކާބޯތަކެއްޗާ ކަމަށް ވެސް އެ ޓީމުން ބުނެ އެވެ.،

ޕުޓިންއަކީ އޭނާގެ ދުޝްމަނުންނަށް އެކި ގޮތްގޮތަށް ހަމަލާދޭ ފަރާތަކަށްވާއިރު އަބްރަމޮވިޗާއި ވަފްދުގެ އެހެން މެމްބަރުންނަށް ކުރިމަތިވި ކަންކަމުގައި ޕުޓިންގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ޝައްކުކުރެ އެވެ. --ޑެއިލީ މެއިލް