ފިޒީ ބުއިންތަކަކީ ސިއްހަތަށް ކިހާ ގެއްލުން ހުރި އެއްޗެއްކަން އަހަރުމެން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް ފަހުގެ ދިރާސާ އަކުން މިވަނީ ފިޒީ ބުއިން ތަކުން ހަށިގަނޑަށް ކުރާ ނުރައްކާތެރި އަސަރު ވަރަށް ރަނގަޅަށް ހާމަކޮށްދީފަ އެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި 40 ގެ އަހަރުތައް ގުނަމުންދާ މީހުން ބޯލާ އެންމެ ފިޒީ ބުއިމަކުން ވެސް ސްޓްރޯކު ޖެހުމަށް މަގުފަހިވެ އެވެ. އެންމެ 330 މިލިލީޓަރުގެ ބުއިމަކުން ވެސް ކޮލެސްޓްރޮލް ލެވެލް އިންތިހާއަށް މަތިކޮށްލާ ލޭކޮޅު ކޮޅު ގަނޑުވުމަށް މަގުފަހި ކުރުވާ ކަމަށް މިދިރާސާގައި ބުނެފައިވެ އެވެ. އަދި މީގެ ސަބަބުން ސިކުނޑިއަށާއި ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ވެސް ބެދެ އެވެ.

މި ދިރާސާ ކޮށްފައިވަނީ 40 އަހަރުގެ 6000 އަށް ވުރެ ގިނަ މީހުން ހިމަނައިގެން 12 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ދިރާސާއިން އިތުރަށް ދައްކާ ގޮތުގައި ފިޒީ ބުއިންތަކާ ދުރު މީހުންނަށް ވުރެ އެ ބުއިންތައް ބޯ މީހުންނަށް ސްޓްރޯކު ޖެހުމުގެ ފުރުސަތު 53 ޕަސެންޓް އިތުރެވެ.

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ދުނިޔޭގައިި އަހަރަކު 15 މިލިއަން މީހުންނަށް ސްޓްރޯކު ޖެހެ އެވެ. މީގެ ތެރެއިން 5 މިލިއަން މީހުން އެ ބަލީގައި މަރުވެ އަދި 5 މިލިއަން މީހުން އެ ބަލީގެ ސަބަބުން އުމުރަށް ނުކުޅެދިފައިވެ އެވެެ.