ހަނގުރާތމަ ކުރިއަށްދާ ޔޫކްރެއިންގައި ހާލުގައި ޖެހިފައިވާ ޖަނަވާރުންނަށް އެހީވުމުގެ ގޮތުން ކަރްކީވްގައި ދިރިއުޅޭ ބުޅަލެއް ކަމަށްވާ ސްޓެޕަން 10،000 ޑޮލަރު އެއްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރާ ވީޑިއޯތަކުގެ ސަބަބުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ސްޓެޕަން ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޖަނަވާރުންނަށް އެހީވުމުގެ ގޮތުން ކެމްޕެއިނެއް ފައްޓައި އެ ކެމްޕެއިންގެ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފަ އެވެ.
ސްޓެޕަންގެ އިންސްޓަގްރާމް ޕޯސްޓުގައިވާ ގޮތުން މި ކެމްޕެއިނުން ލިބުނު ފައިސާ ހަދިޔާ ކުރާނީ ޔޫކްރެއިންގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ އެކި އެކި ޖަމާއަތްތަކަށެވެ.
"ތިޔަ ދިން އެހީތެރިކަމަކީ އަގުނުކުރެވޭ އެހީއެއް. އެ އެހީގެ ސަބަބުން ޔޫކްރެއިންގައި އުޅޭ ކޮންމެ ޖަނަވާރަކަށް ވެސް ރައްކާތެރިކަން ލިބޭނެ" އިންސްޓަގްރާމް ޕޯސްޓުގައިވެ އެވެ.
ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ޔޫކްރެއިން ދޫކޮށް ހިޖުރަ ކޮށްފައިވާއިރު ގޭގޭގައި ގެންގުޅުނު އޮޅު ޖަނަވާރުތައް އެމީހުންނާއެކު ނުގެންދެވުމުގެ ސަބަބުން ގިނަ ޖަނަވާރުންތަކެއް ވަނީ މަގުމައްޗަށް ގިނަވެފަ އެވެ.
އެއާއެކު މިފަދަ ޖަނަވާރުތަކަށް އެހީވާނެ ޖަމާއަތްތައް ވެސް ޔޫކްރެއިންގައި ދަނީ އުފެދެމުންނެވެ.