އުމުރުން ހަ އަހަރަކީ ގިނަ ކުދިން ކުޅުމާއި މަޖަލުގައި ހޭދަކުރާ އުމުރެކެވެ. ނަމަވެސް އިންޑިއާއަށް ނިސްބަތްވާ ކައުޓިލްޔާ ކަޓަރިޔާ އެ އުމުރު ހޭދަކުރީ ބޮޑެތި މީހުންނަށްވެސް ނަގައިގަންނަން އުނދަގޫ ކޮމްޕިއުޓަރު ޕްރޮގްރާމިން ހެދުމުގަ އެވެ.
އިނގިރޭސިވިލާތުގެ ނޯތު ހެމްޕްޓޮންގައި ދިރިއުޅެމުން އަންނަ ކަޓަރިޔާ ވަނީ އުމުރުން އެންމެ ހަ އަހަރުގައި ދުނިޔޭގައި ހުރި އެންމެ ހަގު ކޮމްޕިއުޓަރު ޕްރާގްރާމަރުގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
މިއަދު އުމުރުން 8 އަހަރުގައި އޭނާއަކީ އައިބީއެމް އާޓިފިޝަލް އިންޓެލިޖެންސްގެ ޕްރޮފެޝަނަލެއްގެ އިތުރުން މައިކްރޮސޮފްޓްގެ ސެޓްފިކެޓް ލިބިފައިވާ އިންޖީނިއަރެކެވެ.
ކަޓަރިޔާ ބުނާ ގޮތުގައި ޕްރޮގްރާމިންއަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ އުމުރުން ފަސް އަހަރުގައި އޭނާގެ ބައްޕަ ދިން ބޭސިކް ޕްރާގްރާމިން ފޮތެއް ކިޔުމަށްފަހުގަ އެވެ.
"ޝައުގުވެރިވީ ވަރުން އެއްދުވަސް ތެރޭ އެ ފޮތް ކިޔާ ނިންމިން" ކަޓަރިޔާ ބުންޏެވެ.
އޭގެ ފަހުން އައި ކޮވިޑް 19ގެ ލޮކް ޑައުން ކަޓަރިޔާ ހޭދަކުރީ އެކި ކަހަލަ ޕްރޮގްރާމިން ދަސް ކުރުމުގަ އެވެ. އެގޮތުން އޭނާ ވަނީ އެ ދުވަސްވަރު ކޮމްޕިއުޓަރު ޕްރޮގްރާމިންގެ ދެ ކޯހެއް ފުރިހަމަ ކޮށްފަ އެވެ.
ނަތީޖާއެއްގެ ގޮތުން އޭނާ ވަނީ އޭނާއަށް ވުރެ އުމުރުން ކިތަންމެ ތަނެއް ދޮށީ އިންޖިނިއަރުންނާ ވާދަކުރެވޭ ވަރަށް އޭނާގެ ހުނަރުތައް ފުޅާ ކޮށްފަ އެވެ.
ކަޓަރިޔާ ބުނީ ސަރުކާރު ތަކުން ޓެކްނޮލޮޖީ ކުރިއަރުވަން ހަރަދު ކުރަން ޖެހޭ ކަމަށާއި ޒުވާން ހުނަރު ކުރިއަރާނީ އޭރުން ކަމަށެވެ،
ކަޓަރިޔާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެއްގަމު އުޅަނދެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ރޮބޮޓެއް އީޖާދު ކުރުމެވެ.