ދުވާލު ގަޑީގައި ނިދުމަކީ ގިނަ ބަޔަކު އާދަކޮށް ކުރާ ކަމެކެވެ. މުޅި ދުވަހު އަވަދިނެތިކޮށް އުޅެމުން މިގޮތަށް ނަގާލާ އިރުކޮޅަކަށް ނިދާލުމަކީ އެކަމުގެ ސަބަބުން މީހާ ތާޒާ ކޮށްލާ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ.

މީގެ ކުރިން ހެދި ދިރާސާތަކުން ދުވާލު ގަޑީގައި ނިދުމުން ހިތުގެ ބަލިތައް ޖެހުމާ އެއްވެސް ގުޅުމެއް ދެއްކި ނަމަވެސް އެންމެ ފަހުން މި ކަމަށް ކުރި ދިރާސާގައި ދައްކާ ގޮތުން ގަޑިއެއްހާއިރަށް ވުރެ މަދުން ނިދާލުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެއް ގަޑިއިރަށް ވުރެ އިތުރުވާނަމަ އެކަމުގެ ސަބަބުން ހުރިހާ ވައްތަރެއްގެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ހުޅުވިގެންދެ އެވެ.

ޖުމްލަ 3،13،615 މީހުން ބައިވެރި ކޮށްގެން ތަފާތު 20 ދިރާސާއެއްގެ ތެރެއިން ހިމެނޭ މި ދިރާސާގެ ރިޕޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 39 އިންސައްތަ މީހުންނަކީ ދުވާލު ވަގުތުގައި ނިދާ މީހުންނެވެ.

މި ދިރާސާގ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 60 މިނިޓަށް ވުރެ ގިނައިރު ނިދާނަމަ އެމީހަކަށް ހިތުގެ ތަފާތު މައްސަލަތަކުގެ ނުރައްކާ ބޮޑުވާ މިންވަރު 34 ޕަސެންޓަށް ވުރެ މަތިވެ އެވެ.

އަދި ރޭގަނޑު ހަ ގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނަށް ހިތުގެ މައްސަލަތައް ޖެހޭލެއް މަދު ކަމަށާއި އެނޫން ތަފާތު ސިއްހީ މައްސަލަތައް ވެސް ޖެހޭލެއް މަދުކަމަށް ވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.