ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ފަންނާނުންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާ އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ފަންނާނުން ކައިވެނި ކުރާނެ ދުވަހަކަށް އާންމުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް ދެ ފަންނާނުންގެ ފޭނުން ކުރަމުން އަންނަ ދިގު އިންތިޒާރަށް ނިމުމެއް ގެންނަ ފަދަ އިޝާރާތެއް އެ ދެ ފަންނާނުން ވަނީ ކޮށްފަ އެވެ. އެގޮތުން ރަންބީރު ވަނީ ކައިވެންޏާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދީފަ އެވެ.

ރަންބީރު ބުނިގޮތުގައި އާލިއާ އާއި ރަންބީރު މިހާރު ދަނީ ކައިވެނި ކުރުމަށް ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމަމުންނެވެ. އަދި ކައިވެނި ކުރާނެ ވަކި ތާރީހެއް މީޑިއާތަކަށް ހާމަނުކުރި ނަމަވެސް، ކައިވެނީގެ ދުވަސް ވަރަށް އަވަހަށް އަންނާނެ ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

ދެ ފަންނާނުންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރަ އިން އެކުގަ އެވެ.