މިއަދަކީ ރަމަޝާން މަހުގެ ފުރަތަމަ ދުވަހެކެވެ. މި އަހަރަކީ ވެސް ގިނަ ކުދިންތަކެއް ބާލިޣުވެ އަލަށް ރޯދަ ހިފަން ފަށާނެ އަހަރެކެވެ. އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ އެފަދަ ކުދިންގެ ބެލެނިވެރިން ރޯދަ ހިފުމަށްޓަކައި އެކުދިން ތައްޔާރު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ސިއްހަތު ރަނގަޅުތޯ ޔަގީން ކުރުން

އެންމެ ފުރަތަމަ ކަމަކަށްވެސް، ރޯދައަށް ކުދީން ބެހެއްޓުމުގެ ކުރިން އެކުދިންގެ ސިއްޙީ ހާލަތު ދެނެގަނެ، ރޯދައަށް ބެހެއްޓުމުން އެކުދިންނަށް ސިިއްހީ ގޮތުން އުނދަގޫތަކެއް ވާނެތޯ ނުވަތަ ނޫންތޯ ޔަގީން ކުރުން ވަރަށް މުހިއްމެވެ.

ކުދިންގެ ސިކުނޑި އެކަމަށް ތައްޔާރުކުރުން

ކުޑަކުދިންނަކީ އަބަދުވެސް ކަންކަމާ ސުވާލު އުފައްދާ ބައެކެވެ. އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި އެއްވެސް އެއްޗެއް ނުކައި، ނުބޮއެ ހުންނަން ޖެހެނީ ކީއްވެކަމާއި، ކޮންމެ މުސްލިމަކުވެސް ރޯދަ ހިފަން ޖެހެނީ ކީއްވެކަން ރޯދައަށް ބެހެއްޓުމުގެ ކުރިން ކިޔައިދޭން ޖެހޭނެ އެވެ.

ރަނގަޅު ހާރުގެ ކެއުމެއް ދިނުން

ކުއްޖާ ރޯދައަށް ހުރުމުގެ ކުރީން ހާރު ކާންދިނުން ވަރަށް މުހިއްމެވެ. ހާރު ކެއުމަށް ރަނގަޅު ގަޑީގައި އެކުދިން ނަގައި ފައިދާހުރި ރަނގަޅު ކާނާ ކާންދިނުމަށް ސަމާލުކަން ދޭންވާނެ އެވެ. އޭރުން ގިނަ ވަގުތު ވަރުބަލި ނުވެ ރޯދައަށް ހުރުމަށް އެކަމުން އެހީތެރިވެދޭނެ އެވެ.

ހިތްވަރު ދިނުން

ކުދިންނަށް ހިތްވަރު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މުޅި ދުވަސް ރޯދައަށް ނުހުރެވުނު ކަމުގައި ވިޔަސްމެ އެވެ. ހިތްވަރު ދިނުމުގެ ގޮތުން ކޮންމެވެސް ކަހަލަ ހަދިޔާއެއް ދެވިދާނެ އެވެ. ނުވަތަ ރޯދަ ފުރިހަމަ ކުރެވިއްޖެ ނަމަ ތައުރީފުގެ ބަހެއް ބުނެވިދާނެ އެވެ. އޭރުން ކުދިންގެ ހިތުގައި އިތުރު ހިތްވަރާ ޝައުގުވެރިކަން އުފެދޭނެ އެވެ.