ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ދައްކަން ފަށަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ހިޔާ ފްލެޓް ދޫކޮށްފައިވާ ފްލެޓް އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓް ފީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ބަލައިގަންނާނެ ކަމަށެވެ.

ފީ ބަލައިގަންނާނީ "މައިހުޅުމާލެ: ވެބް ޕޯޓަލް ލިންކް https://my.hdc.com.mv މެދުވެރިކޮށް އޮންލައިންކޮށް ބީއެމްއެލް ކާޑުން ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެޗްޑީސީގެ މައި އޮފީސް ކައުންޓަރުތަކުން ޗެކާއި ކާޑުން ފައިސާ ދެއްކޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހިޔާ ހައުސިން ޕްރޮޖެކްޓަކީ 6720 ހައުސިން ޔުނިޓެވެ. ފްލެޓްތަކުގެ އެގްރިމެންޓްގައި ފްލެޓްތަކުގެ ވެރިންނާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭރު ސަރުކާރުން ނިންމީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ތިން މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނަގަން ފެށުމަށެވެ. އެ މުއްދަތު 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވުމުން ސަރުކާރުން ދެން މުއްދަތު ފަސްކުރީ، މިދިޔަ އަހަރުގެ ނިޔަލަށެވެ.

ނަމަވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިމިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މި މުއްދަތު އިތުރުކޮށް ދިނުމަށެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މަހަކު 7،500 ރުފިޔާ އެވެ. ނަމަވެސް އެ އަދަދު ބޮޑުވުމުން ކުލި 5،500 ރުފިޔާއަށް ކުޑަ ކޮށްދިނުމަށް އެދި ގިނަ ބަޔަކު ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެ ޕެޓިޝަނަށް މިހާތަނަށް އެއްވެސް ޖަވާބެއް އެ ކުންފުނިން ނުދެ އެވެ.