ބަރަކާތްތެރި ރަމަޟާން މަސް ދިވެހިންނާއި ބަދަލުކުރިއިރު ދިވެހި ގައުމު އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވުމަށް ރައީސް ޔާމީން ނެރުނު ބަޔާނުގައި ވަނީ މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި، ހެޔޮ ދަރުމައާއި ސަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ އަމަލުތައް ސީދާ ކުރައްވާ މިމައްސަރުގެ ހެޔޮ ރަހުމަތް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ރައީސް ޔަމީން ވިދާޅުވީ ރަމަޟާން މަހާއި ދިވެހި ކުރިމަތިލީއިރު، ރާއްޖެ ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ އެތައް ކަމެއް އޮތްއިރު، ގައުމުގެ އިގްތިސާދު ވެސް ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ގޮސްފައިކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެހެން ކަމުން މި ހުރިހާ ކަމަކުން ގައުމު ސަލާމަތްކޮށްދެއްވައި ގައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ، ކާމިޔާބީ މިންވަރު ކުރެއްވުން އެދި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން އެމަނިކުފާނު ވަނީ ގައުމު ސަލާމަތްކޮށް އަނބުރައި ހޯދުމަށް ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ. އަދި މި މައްސަރަކީ މި ގައުމާއި ދިވެހިންނަށް ލުއި ފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީގު މިންވަރުކުރައްވާފައިވާ މައްސަރެއްކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.