''ބޯޑަރު ހުޅުވުމާ ގުޅޭގޮތުން މިތަނުގެ ކޮމެޓީތަކުގައި ދެކެވުނު ވާހަކަތަކާއި، ސަރުކާރުން އެކަމަށް ހުރަސް އަޅަމުން ގެންދިޔަ ގޮތް އަދި ބައެއް މެމްބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރަމުން ގެންދިޔަ ގޮތް ސާފުކޮށް މަޖިލީހަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެގޭނެ ގޮތް އަޅުގަނޑު ހަމަޖައްސައިދޭނަން،'' މިއީ ކޮވިޑުގެ އާފާތުން ރާއްޖެ އަރައިގަތުމަށް ކުރި މަސައްކަތުގެ ހެޔޮބަހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްވުމުން އެކަމާ ރުހިވަޑައިނުގެން މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ބައެކެވެ. އާކަމެއް ވެސް ނޫނެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފާޅުގައި ހާމަކުރައްވަނީ ނަޝީދެވެ. އެކިއެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން އެމަނިކުފާނު ގެންދަވަނީ އެކަން ކިތަންމެހާ ވެސް ރަނގަޅަކަށް ކުރައްވަމުންނެވެ. ސުވާލަކީ ކޮން ބޭނުމެއްގައި ހެއްޔެވެ؟
2023ގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު އެ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާކަން އުމަރު ނަސީރު ފިޔަވައި ފާޅުގައި ހާމަ ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދެވެ. އިންތިޚާބުގައި ބައިވެރި ވެވަޑައިގަންނަވަން ބޭނުންފުޅުވެ ވަޑައިގެންނެވިކަމުގައި ވިޔަސް މިވަގުތު ކަންތައް އޮތްގޮތުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތެއް ފެންނާކަށް ވެސް ނެތެވެ. އެރޮނގުން ކުރިޔަށް ވަޑައިގެންނެވެން އޮތް ހުރިހާ މަގެއް ފެންނަނީ ބެދިފައިވާ ތަނެވެ. މިވަގުތަށް ކަންތައް އޮތްގޮތަށް ބަލާއިރު އެއިން މަގެއް ހުޅުވުމުގެ ކޮޅުމައްޗެއް ވެސް ފެންނާކަށް ނެތެވެ.
ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ތަފާތު އެތައް ފޯމިއުލާއެއް އެމަނިކުފާނު ވަނީ އަޖުމަ ބައްލަވާފަ އެވެ. ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި އެމްޑީޕީގެ އެތެރޭ އިންތިޚާބުން ކުރި ހޯއްދަވައިގެން ޕްރައިމަރީއަކުން ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯއްދަވަން ކުރެއްވި މަސައްކަތް މިހާރު ވަނީ ފެއިލްވެފަ އެވެ.
މި ރޭހުގައި އެމްޑީޕީ ދެބައިވެފައިވާއިރު ރައީސް ސޯލިހު ވަނީ ހުރިހާ ދިމާއަކުން ކާމިޔާބު ހޯއްދަވާފަ އެވެ. މިހާތަނަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި އިންތިޚާބުތަކުން ފެންނަނީ އެ ނަތީޖާ އެވެ.
ނަޝީދާ ސޯލިހުގެ ކުރިމަތިލުން އެމްޑީޕީގެ އެތެރޭގައި ކުރިޔަށްދާއިރު ޕާޓީއަށް ފައިދާ ބޮޑުވާނީ ކޮން ބޭފުޅަކަށް ކުރި ލިބިގެންތޯ ޕާޓީގެ މެންބަރުން ވިސްނާނެ ކަން ޔަގީނެވެ. ދިމާވެގެން އުޅޭ ހުރިހާ މައްސަލައެއްގެ އަސްލަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީގެ ނަމުގައި ވާދަކުރައްވަން ދެބޭފުޅުން ވެސް ބޭނުންފުޅުވެ ވަޑައިގެންނެވުން ކަމަށްވާއިރު އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ކާކަށް ތޯ ވެސް އެ ޕާޓީގެ މެންބަރުން ވިސްނާނެކަން ޔަގީނެވެ.
މިހާރު ހިންގަމުން މި އަންނަ ރިޔާސީ ދައުރުގައި އެމްޑީޕީން ވެރިކަމުގެ ގޮނޑި ކާމިޔާބުކުރީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނަގާކިޔާ ހުރިހާ ލީޑަރުންގެ އެހީތެރިކަމާއެކު އެވެ. ވެރިކަމަށް ވަޑައިގެން ކޯލިޝަނެއްގެ ސިފައިގައި ހުރިހާ ލީޑަރުންނަށް ވެސް ސަރުކާރުން ބައި އަޅުއްވައިގެން ރައީސް ސޯލިހު ކުރިޔަށް ވަޑައިގަންނަވާ ގެންނެވުމަކީ ރައީސް ނަޝީދު ކަނޑައެޅިގެން ދެކޮޅު ކަމެކެވެ.
ހޯމް މިނިސްޓަރު އިމްރާނާއި ކުރީގެ ރައީސް މައުމޫނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ކައިރިކޮށްގެން އުޅުމަކީ ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެމީހުންނާ ނުލައި ވެރިކަމަށް ވަޑައިގެންނެވުމަށް ބޭނުންވާ ވޯޓުގެ ޕަސެންޓް ހޯއްދެވުމަކީ ވެސް ގިނިކަންޏާ ކުރެއްވޭނޭ ކަމެއް ނޫންކަން ވެސް ރައީސް ނަޝީދަށް އެނގި ވަޑައިގަންނަވަ އެވެ. އެހެންކަމުން ގާނޫނު އަސާސީ ބަދަލު ކުރައްވައިގެން ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ވެރިކަމަށް އާދެވޭ ގޮތް ހެއްދެވޭތޯ ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ. އެ މަސައްކަތަށް ވެސް މާބޮޑު ތަރުހީބެއް ލިބިވަޑައިނުގެންނެވުމުގެ ސަބަބުން ކުރިޔަށް ވަޑައިގެންނެވޭނެ ގޮތެއް އޮތީ ނުވެފަ އެވެ.
ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވުމަށް ކުރައްވާ މަސްއްކަތުގައި ރައީސް ނަޝީދުގެ މާޔޫސްކަން އިތުރުވެފައިވާއިރު އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕްގެ ގިނަ މެންބަރުންނާއެކު ޕާޓީގެ ނަގާކިޔާ ގިނަ ބަޔަކު ރައީސް ސޯލިހުގެ ކޮޅަށް ބުރަވަމުން ދަނީ އެ މީހުން ޖަހާ ހިސާބުތަކުން ކާމިޔާބު ވާނެކަމަށް ވިސްނޭ ކޮޅަށް އެރުމުގެ ނިޔަތުގަ އެވެ.
ރައީސް ނަޝީދުގެ ފާޑުކިޔުންތައް ކިތަންމެ ބޮޑަކަށް އަމާޒުވިކަމުގައި ވިޔަސް އެއަޑު އެއްސެވުމެއް ނެތި ރައީސް ސޯލިހު ގެންދަވަނީ އެމަނިކުފާނުގެ ކޯލިޝަނުގެ ގުޅުން ދަމަހައްޓަވަމުންނެވެ. އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ވެސް އަދި އެވެރިކަން ދެމި އޮންނާނީ ވެސް ކޯލިޝަންގެ ބައިވެރިންގެ އެހީތެރިކަމާ އެކުކަން އެމަނިކުފާނަށް އެނގި ވަޑައިގަންނަވަ އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވެން އޮތީ އެންމެ ގޮތަކަށެވެ. އެއީ މިހާރު ވެސް ވެރިކަމުގައި ބައިވެރިވާ ކޯލިޝަންގެ ޕާޓްނަރުންނާ ގުޅިގެން އިންތިޚާބަށް ނުކުތުމެވެ. އެކަން ވެދާނެކަމުގެ ކިރިޔާ ވެސް އުންމީދެއް އޮތީ ޕާޓީގެ ކެންޑިޑޭޓަކަށް ރައީސް ސޯލިހު ހުންނަވައިގެންނެވެ.
ރައީސް ނަޝީދަކީ ކޯލިޝަން ހެދުމާ ދެކޮޅު ބޭފުޅެކެވެ. ކަންތައް މިހާރު ގޮސް އޮތްގޮތަށް ބަލާއިރު އެމަނިކުފާނާ އެކު ކޯލިޝަން ހަދާނެ ލީޑަރެއް ހުރިހެނެއް ވެސް ހިއެއް ނުވެ އެވެ. އެހެންކަމުން އެމްޑީޕީގެ އިސް ސަފުން ގިނަބަޔަކު ރައީސް ނަޝީދަށް ފުރަގަސްދީ ރައީސް ސޯލިހުގެ ފަހަތަށް މިދަނީ މަޑުމަޑުން އަރަމުންނެވެ. އެހެންނަމަވެސް ރައީސް ނަޝީދަކީ އެހާ ފަސޭހައިން ދޫ ދެއްވާނެ ބޭފުޅެއް ނޫން ކަމުން އެމަނިކުފާނުގެ ކެމްޕޭން ވެސް މިވަނީ ގަދަ ކުރައްވާފަ އެވެ.
ކޮވިޑުގެ ހާލަތުން ގައުމު އަރައިގަތީ އެމަނިކުފާނުގެ ވިސްނުންތެރި ރޭއްވެވުމުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާއެކު އެ ސްލޯގަންގެ ދަށުން ސޯޝަލް މީޑިއާގައި އެމަނިކުފާނު ޕްރޮމޯޓްކުރުމަށް ހިންގަމުންގެންދާ ކެމްޕޭން ދަނީ ކުރިއަށެވެ. މި ކެމްޕޭނުގައި ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް އަރައިގެން ދާނެ ފަރާތެއް އެނގޭކަށް މާގިނަ ދުވަހެއް ނެތެވެ.