ރޯދަ މަހު ހިޔާ ފްލެޓްތަކުން ކުލި ނުނަގައި ފަސްކޮށްދިނުމަށް އެދިފައިވާތީ، އެކަމާ މެދު ގޮތެއް ނިންމަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

ހިޔާ ފްލެޓްތަކުން ރޯދަ މަހު ކުލި ނަގަން ނުފަށައި ކުލި ފަސްކޮށްދިނުމަށް އެދި އަނެއްކާވެސް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ، ކުލި ނަގަން ނިންމުމާއި ގުޅިގެން މާބޮޑު ޝަކުވާތަކެއް އައިސްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގަން ކަނޑައަޅާފައިވާ އަގަކީ އެންމެ ކުޑަކޮށް ނެގެން އޮތް އަގުކަމަށް ވެސް ސުހައިލް ވިދާޅުވެފައިވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓުތަކުން ކުލި ނެގުމަށް އެޗްޑީސީން އެންގީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކުލީގެ ގޮތުގައި ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ 7،500 އެވެ. އަދި މެއިންޓެއިނެންސް ޕީއެއްގެ ގޮތުގައި 1،000 އިތުރަށް ނެގުމަށް ކަނޑައަޅާފައިވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ ކުލި ކުޑަކޮށްދިނުމަށް އެދި ގޮވާލާފަ އެވެ.

ހިޔާގެ ފްލެޓްތަކުގައި މިހާރު 4،500 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ކަމަށް އެޗްޑީސީން ބުނެ އެވެ.