ޕޮޕްގެ ރަސްގެފާނު މައިކަލް ޖެކްސަންރވ ހަޔާތުގެ މައްޗަށް އުފެއްދި ކާމިޔާބު ފިލްމު 'މައިކަލް' ގެ ސީކުއެލް (ދެވަނަ ބައި) ގައި، އޭނާއަށް އަމާޒުވި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކާ ގުޅޭގޮތުން މައިކަލްގެ އަމިއްލަ ނަޒަރުން އިތުރު ވާހަކަތަކެއް ގެނެސްދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ފިލްމުގައި މައިކަލްގެ ރޯލު ކުޅުނު އޭނާގެ ބޮޑުބޭބެ ދަރި، ޖާފަރު ޖެކްސަން ބުނެފިއެވެ.
ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށްފަހު ގެނެސްދޭން ހަމަޖެހިފައިވާ މި ސީކުއެލްއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޖާފަރު ފާހަގަކުރި ގޮތުގައި، މައިކަލްގެ ހަޔާތުގެ ފަހު ދުވަސްތަކުގައި ކުރިމަތިވި އެންމެ ބޮޑެތި ތުހުމަތުތަކަކީ އަބަދުވެސް އެހެން މީހުންގެ ނަޒަރުން، ވަކި އެޖެންޑާއަކަށް ބުރަވެގެން ގެނެސްދީފައިވާ ވާހަކަތަކެކެވެ.
އެހެން ކަމުން އޭނާގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަދަ ކަންކަމުގައި މައިކަލްގެ އަމިއްލަ އަޑު ނުއިވި ދިއުން ކަމަށް އޭނާ ބުންޏެވެ.
މައިކަލްގެ ކުޑައިރުގެ ދިރިއުޅުމާއި، މިއުޒިކީ ކެރިއަރުގެ ކުރީކޮޅުގެ ކާމިޔާބީތައް ދައްކުވައިދިން ފުރަތަމަ ފިލްމު ނިމިގެންދަނީ 1988 ވަނަ އަހަރާ ހަމައަށް ކަމަށްވާއިރު، އޭގެ ފަހުން 1990ގެ އަހަރުތަކުގައި ކުރިމަތިވި ތުހުމަތުތައް ފުރަތަމަ ފިލްމުގައި ހިމަނާފައެއް ނުވެ އެވެ.
ޖާފަރު ބުނީ ފުރަތަމަ ފިލްމުން ބެލުންތެރިންނަށް މައިކަލްއަކީ ކޮންކަހަލަ އިންސާނެއްކަން އޭނާގެ އަސްލު ސިފަތަކާއެކު ވިސްނިގެންދާނެ ކަމަށާއި، ކުރިމަތިވި އެންމެހާ ދަތިތަކާއެކުވެސް މައިކަލްގެ ހިތުގެ ހެޔޮކަމާއި އޯގާތެރިކަން ބަދަލުނުވާ ކަމަށެވެ.
މި ފިލްމުގެ ސީކުއެލް އުފެއްދުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އޭގެ މަސައްކަތް ފެށުމަށް ސްޓޫޑިއޯއިން އަންނަނީ ތައްޔާރު ވަމުންނެވެ.
ޝެލް ލުބްރިކަންޓްސް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވިލާއިން
ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ނިންމައިފި
ހީރޯއަށްވުރެ ވިލަންގެ ބައި ކުޅެން ޝައުގުވެރިވީ: ރޮބާޓް