ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް ހިޔާ ޔޫނިއަންގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ހިއްސާ ކޮށްފި އެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ހިއްސާކޮށްފައިވާ އެންމެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަމަޟާން މަހާ ދިމާކޮށް ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށުމެވެ. އަދި ފިނިޝިން ނުނިންމާ ރައްޔިތުންނާ އެތަން ހަވާލުކުރުމުން އެތަނުގައި ދިރިއުޅޭ މީހުންގެ އަތުން ބޮޑަތި ޚަރަދުތަކެއް ކުރި ނަމަވެސް މިކަމަށް ސަރުކާރުން އެއްވެސް ލުޔެއް ދީފައިނުވާ ކަންވެސް ހިޔާ ޔޫނިއަންގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހިޔާ ފްލެޓް ސަރަޙައްދުގައި ސަރުކާރުން މަގުތައް ހަދާފައި ވަނީ ރައްޔިތުންނަށް އެތައް ގޮތަކަށް އުނދަގޫވާ ގޮތަށްކަން ވެސް ހިޔާ ޔޫނިއަނުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން މަގު ހަދާ އެތަން ބޭނުންކުރަން ފަށާފައިވާއިރު އެމަގުތަކުގައި ލައިޓް ނެތް ކަމަށާއި ފައި މަގުގައި އުޅޭ ރައްޔިތުން ހިނގުމަށް މަގުގެ އެއް ފަރާތުގައި ޕޭވްމެންޓެއް ވެސް ނެތްކަން ހިޔާ ޔޫނިއަންއިން ފާހަގަކުރި އެވެ. އަދި މަގުތަކުގައި އެއްވެސް ރޯޑް މާކިންއެއް ނެތުމުގެ ސަބަބުން މަގުތަކުގައި ޕާކުކުރުމުގައި އެއްވެސް އުސޫލެއް ނެތްކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މި ބައްދަލުވުމާ ގުޅިގެން ހިޔާ ޔޫނިއަންގެ ރައީސް އަމްޒަލް ވިދާޅުވީ ޔޫނިއަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް މާލެ ސިޓީގެ މޭޔަރުގެ ފަރާތުން އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.

"ހިޔާ ޔޫނިއަނުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް މޭޔަރު އެދިވަޑައިގެންނެވި. އަދި މިކަމުގައި މިހާތަނަށް މާލެ ސިޓީ ކައުންސިލުން ކޮށްދެއްވި މަސައްކަތްތައް މޭޔަރު ވަނީ އަޅުގަނޑުމެންނާ ހިއްސާ ކުރައްވާފަ،" އަމްޒަލް ވިދާޅުވި އެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން އިތުރަށް ފާހަގަކުރެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުނި ނެގުން ހުއްޓާލަން ނިންމާފައިވާކަމާ އެކަމުގެ ސަބަބުން މަގުތަކުގައި ކުނިތަށް ގިނަވެ ނަޖިސްވަމުންދާ ކަމުގެ ކަންބޮޑުވުމެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލެ ސިޓީގެ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ހިޔާ ފްލެޓް ތަކުގެ ކުލި ކުޑަ ކުރުމަށާއި، ފިނިޝިން ނިންމަން ކުރިން ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށާއި، ހިޔާ ފްލެޓްގެ ކުލި ނަގަންފަށާ މުއްދަތު އިތުރު ކޮށްދިނުމަށްވެސް މޭޔަރު ވަނީ ރަސްމީކޮށް ސަރުކާރުގައި ދަންނަވާފަ އެވެ.