ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ބަދަލުތަކެއް ގެންނަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތްތަކުގެ ފިނިޝިން ނިމިފައިވާ ހިސާބު ބެލުމަށްޓަކައި އެ ކޯޕޮރޭޝަނުން ސާވޭއެއް ކުރިއަށް ގެންގޮސްފައިވާއިރު، އެޗްޑީސީން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ސާވޭ ނިންމާލާފަ އެވެ.

އެޗްޑީސީން ކުރިއަށް ގެންދިޔަ ސާވޭއަށް ފަހު ފްލެޓްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާނެކަމަށް އެކޯޕޮރޭޝަނުން ވަނީ ބުނެފަ އެވެ.

އެގޮތުން ލިފްޓް ލޮބީގެ ތޮއްޖެހުން ކުޑަކުރުމަށް ލޮބީގައި އިން ފާރެއް ތަޅާލައި ބޮޑުކޮށްފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެ ތަނަށް ވަދެ ނިކުތުމަށްޓަކައި އިތުރު ދެ ދޮރެއްވެސް ލާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ލޮބީ ބޮޑުކުރުމާއި އެކު ލިފްޓަށް އަރަންދާ މީހުންނަށް ލިފްޓް ކައިރީގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގަ ތަނަވަސްވެފައިވާނެ ކަމަށެވެ.

މިހާރު ބައެއް އާއިލާތަކުން ހިޔާ ފުލެޓްތަކުގައި ދިރިއުޅެން ފަށާފައިވީ ނަމަވެސް، އެތަނުގައި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެން ފަށާފައިވާއިރު، އާންމުން ހިޔާ ފްލެޓް ތަކުގައި ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުން ފެށިގެންނެވެ.