ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން، އަބީޝޭކް ބައްޗަން އާއި އައިޝްވަރްޔާ ރާއީއަށް ލިބުނު ދަރިފުޅު އަރާދިޔާ ބައްޗަންގެ ވީޑިއޯއެއް ލީކުވީ ސްކޫލަކުން ނޫން ކަމުގައި އަބީޝޭކް ބުނެފި އެވެ.

އަރާދިޔާ ހިންދީ ބަހުން ޅެމެއް ކިޔާ ވީޑިއޯއެއް އާންމުވެފައި ވާއިރު، ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަރާދިޔާއަށް ތައުރީފުކޮށްފަ އެވެ.

ނަމަވެސް އަބީޝޭކާއި އައިޝްވަރްޔާ، އަރާދިޔާގެ ކަންކަން އާންމުންނަށް ހިއްސާ ނުކުރެ އެވެ.

މިހެން މިކަން ވާއިރު، އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަބީޝޭކް ބުނީ، މިދުވަސް އަންނާނެ ކަމާމެދުގައި އައިޝްވަރްޔާއާ ދެ މީހުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވީޑިއޯ ލީކުވީ ސްކޫލުން ނޫން ކަމަށާއި އަރާދިޔާ ސްކޫލަށް ގޮސް އެކި ހަރަކާތްތަކުގައި މަސްއޫލުވެ އުޅޭ ވީޑިއޯތައް ފޮޓޯގްރަފަރުން ނަގާނެ ކަމަށާއި، އެކަން އެ ދެމަފިރިން ގަބޫލުކުރާ ކަމަށް ވެސް އަބީޝޭކް ވަނީ ބުނެފަ އެވެ.

އަބީޝޭކް އިތުރަށް ބުނީ، މަޝްހޫރު ދެ ފަންނާނުންގެ ދަރިއަކަށް ވީތީ އާންމުންގެ ސަމާލުކަން އަންނާނެކަން އަރާދިޔާއަށް ކިޔައިދީފައިވާ ކަމަށެވެ. އަދި އެކަމުގެ ފައިދާ ނުނަގައި ހިތްތިރިކަމާއި އެކުގައި ދިރިއުޅުމަށް އަބަދުވެސް އަރާދިޔާ އަށް ނަސޭހަތްތެރިވާ ކަމަށް އަބީޝޭކް ބުނެފައިވެ އެވެ.

އަބީޝޭކް އާއި އައިޝްވަރްޔާ ކައިވެނިކުރީ 2007 ވަނަ އަހަރުގަ އެވެ. އަދި އެ ދެފަންނާނުންނަށް އަރާދިޔާ ލިބުނީ 2011 ވަނަ އަހަރުގަ އެވެ.