ރަމަޝާން މަހަކީ ހަމައެކަނި ރޯދަހިފުމަށް ހާއްސަ ވެފައި އޮންނަ މަހެއް ނޫނެވެ. އަޅުކަމުގެ މައްސަރަށްވުމުގެ އިތުރުން އެއީ އެކިގޮތް ގޮތުން މުސްލިމުންނަށް ހާއްސަ މަހެކެވެ. އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިވާތީ އެވެ. އެމަހާ ގުޅިފައިވާ ސަގާފަތާއި އާދަކާދަ ތަކުންނެވެ. އެހެން މަސްމަހާ ހިލާފަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކުންނެވެ.
މިއަދު މި ގަސްދު ކުރަނީ ރަމަޝާން މަހާއި ގުޅުވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ ސަގާފަތްތަކަށް އަލި އަޅުވާލާށެވެ.
ރޯދަމަހަށް ހިނައިގަތުން - އިންޑޮނޭޝިއާ
އިންޑޮނޭޝިއާގެ މުސްލިމުންގެ މެދުގައި އަށަގަނެފައި އޮތް މިއާދައަކީ ކޮންމެ ހެޔޮކަމެއްކުރުމުގެ ކުރިން ހިނައިގަންނަ ފަދައިން ކުރަމުން އަންނަ ކަމެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑު ތާހިރުވެ ނަފުސު ރޯދައަށް ތައްޔާރުވުމަށް އެހީވެދޭ ކަމަށް އެމީހުން ބުނެ އުޅެ އެވެ. ކުދިބޮޑު އެންމެންގެ ތެރޭގައި އޮންނަ ރޯދަ ހިނައިގަތުމުގެ ވަގުތަކީ ޝައުބާން މަހުގެ ފަހު ދުވަހެވެ.
ރޯދަ ވީއްލަން ހުޅުޖެހުން - ލުބްނާން
200 އަހަރު ކުރިން ފެށުނު ކަމަށް ބުނާ މި ސަގާފަތަކީ މިއަދު މެދުއިރުމަތީގެ ގިނަ ގައުމު ތަކަކުން ރޯދަމަހު ފެންނަ މަންޒަރެކެވެ. އިރު އޮއްސުމާއެކު ހާމަ މައިދާންތަކުގައި ހުޅުޖަހާ އިރު އޮއްސުނުކަމުގެ ހަބަރު ރަށުތެރޭގައި އުޅުނު މީހުންނަށް އެންގުމުގެ ގޮތުން އިހުޒަމާނުގައި ކޮށް އުޅުނު މި ކަން މިއަދު އެ ގައުމުގައި ކުރެވެނީ ސަަގާފީ ކަމެއްގެ ގޮތުގަ އެވެ.
ހާރަށް ބެރުޖެހުން - ތުރުކީ
އުސްމާނީ ހިލާފަތުން ފެށިގެން ތުރުކީގެ ރައްޔިތުން ހާރަށް ހޭލަނީ 2000 އަށް ވުރެ ގިނަ ބެރުވެރިން މަގުމައްޗަށް ނިކުމެ ޖަހާ ހާރުބެރުގެ އަޑަށެވެ. މިއަދާ ހަމައަށްވެސް އެ ސަގާފަތް ދެމިއޮތްއިރު އެކަން ވެފައިވަނީ ތުރުކީ ރައްޔިތުންގެ ރަމަޟާން މަސް ފުރިހަމަކޮށްދޭ ކަމަކަށެވެ.