1970، އަދި 1980 ގެ އަހަރުތަކުގައި ބޮލީވުޑްގެ ސިނަމާގައި ވިދާލި ފަންނާނުންގެ ތެރޭގައި ޕަރްވީން ބާބީ ހިމެނެ އެވެ. ޕަރްވީން، އޭނާގެ ރީތިކަމުގެ ޖާދޫގައި ޖައްސުވައި ކާމިޔާބު ފިލްމުތަކެއް ހުށަހަޅާދީފައިވާއިރު، އޭނާއަކީ އާންމުންގެ ލޯބި ލިބުނު ފަންނާނެކެވެ.

ނަމަވެސް އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހުނީ ހަމައެކަނި ބެލުންތެރިން އެކަންޏެއް ނޫނެވެ. އެ ދުވަސްވަރު ބޮލީވުޑްގައި ބަތަލުންގެ ލީޑް ރޯލުތައް ކުޅެދީފައިވާ ނަން މަޝްހޫރު ފަންނާނުން ވެސް ޕަރްވީންގެ ޖާދޫގައި ޖެހުނެވެ.

އެއިން އެކަކަކީ ޑޭނީ ޑެންޒޯންޕާ އެވެ.

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑޭނީ ވަނީ އޭނާއާ ޕަރްވީންއާ މެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. ޑޭނީ އާއި ޕަރްވީން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 1970ގެ ފަހުކޮޅުގަ އެވެ. ނަމަވެސް ޕަރްވީން ވަނީ ޑޭނީއާ ލޯބީގެ ގޮތުން އޮތް ގުޅުން ކަނޑާލާފަ އެވެ.

ޑޭނީ ބުނިގޮތުގައި އެ ދެމީހުން އެކީގައި އުޅުނީ ހަތަރު އަހަރު ވަންދެންނެވެ. އަދި އެދުވަސްވަރު ނޫސްތަކުގެ ފަލަ ސުރުހީތަކުން އެ ވާހަކަތައް ދެކެވުނު ކަމަށާއި، އެހެންނަމަވެސް ދެ މީހުންނަށް ވެސް ލޯބީގެ ގޮތުން އުޅެން ނޫޅެވުމުން ރީތި ގޮތުގައި ވަކިވީ ކަމަށް ޑޭނީ ބުނެފައިވެ އެވެ.

ޑޭނީ ބުނިގޮތުގައި ވަކިވުމަށް ފަހުވެސް ޕަރްވީން ވަނީ އޭނާއާ ގާތްކޮށް އުޅެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ޕަރްވީންއާ ވަކިވުމަށްފަހު އައު ލޯބިވެރިއަކު (ބަތަލާ ކިމް) ހުރި ކަމަށާއި، ލޯބިވެރިޔާގެ ޝޫޓިން ނިމުމުން އޭނާ ގޮވައިގެން ގެއަށް އަންނައިރު ޕަރްވީން، ޑޭނީގެ ކޮޓަރީގައި ފިލްމު ބަލަން އޮންނަ ކަމަށް ޑޭނީ ބުނެފައިވެ އެވެ.

ޑޭނީ އިތުރަށް ބުނީ އެކަމުގެ ސަބަބުން ޑޭނީއާ އޭނާގެ ލޯބިވެރިއާއާ މެދުގައި ވަރަށް ބޮޑަށް މައްސަލަތައް ޖެހުނު ކަމަށެވެ. އަދި ޕަރްވީން ކައިރީ އެހެން ނެހެދުމަށް ބުނުމުން އޭނާ ބަސް ގަބޫލު ނުކުރާ ކަމަށް ވެސް ޑޭނީ ބުނެފައިވެ އެވެ.

ޑޭނީއަށް ފަހު ޕަރްވީން ލޯބީގެ ގޮތުން ގުޅުނީ ކަބީރް ބޭޑީއާ އެވެ. އަދި އެއަށްފަހު އޭނާ ގުޅިފައި ވަނީ މަހޭޝް ބަޓްއާ އެވެ.

އުމުރުގެ ފަހު އަހަރުތަކުގައި ޕެރެނޮއިޑް ސްކިޒޮފްރޭނިއާގެ ޝިކާރައަކަށްވި ޕަރްވީން ނިޔާވީ ހަށިގަނޑުގެ އެކި ގުނަވަންތައް ފެއިލްވުމާ ގުޅިގެންނެވެ.