މި ސަރުކާރުގެ މައި ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ އދ. ދަނގެތީގައި ބޭއްވި ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރަށް މިނސްޓަރު ފައްޔާޒު ވިދާޅުވީ އެމްޑީޕީ ވާންޖެހޭނީ ސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމެއްގައި ފަހަތުން ޖަހާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

"އެކަންކަން ކުރެވޭނީ އަޅުގަނޑަށް ކަމަށްވާތީވެ ނިކުމެ މިތިބީ ސަރުކާރާއި އެއްކޮށް ޕާޓީ ކުރިއަށް ގެންދިޔުމަށްޓަކާ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޗެއާޕާސަނަކަށް އިންތިހާބުވެއްޖެނަމަ ދާއިރާގެ ރައީސް އާއި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި ހިންގާ ކޮމިޓީއާއެކު މަހަކު އެއްފަހަރު އޮންލައިންކޮށް ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ 86 ދާއިރާއާއެކު މިގޮތަށް ބައްދަލުވުންތައް ބާއްވާނެ ކަމަށާއި އެ ބައްދަލުވުންތަކުގައި ފާހަގަކުރާ ކަންބޮޑުވުންތައް ރައްޔިތުންނާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކާ ހިއްސާކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ސަރުކާރު ހިންގާ މައި ޕާޓީގެ ހައިސިއްޔަތުން ހުރި ކަންބޮޑުވުންތައް ސަރުކާރާއެކު ހިއްސާކޮށްގެން އެއަށް ހައްލު ހޯދާނަން. އެއީ މިކަން ކުރާނެ ގޮތަކީ،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި އެހެން ޕާޓީގެ މެންބަރު ވޯޓްލާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ. މީގެ އިތުރުން އެޕާޓީގެ ދަފްތަރުގައި ތިބި އެހެން ޕާޓީގެ މެންބަރު ދަފްތަރުން އުނިކުރައްވާނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ޗެއަރޕާސަންގެ އިންތިހާބު އެމްޑީޕީ އިން އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން ދާއިރު އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމުގައިވާ ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ގެންދަވަނީ ވާދަވެރި އަދި ފޯރިގަދަ ކެމްޕޭނެއް ކުރައްވަމުންނެވެ.

ދެ ޓީމުން ވެސް ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތް ކުރައްވައި ދޮރުން ދޮރަށް ހިންގަވައި ތާއީދު ހޯއްދެވުމުގެ މަސައްކަތް ދަނީ އަވަދިނެތި ކުރައްވަމުންނެވެ.

މި ރޯދަ މަހުވެސް އިންތި އާއި ފަޔާގެ ކެމްޕޭން ޓީމުން ގެންދަވަނީ އެކި އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.