ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނާ ރޭ ހިއްސާކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީހެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާއި، އެތަނުގައި ހުރި މައްސަލަ ތަކާއި ، އެބޭފުޅުންގެ ކަންބޮޑުވުންތަށް ހިއްސާކޮށްފަ އެވެ.

މިސަރުކާރުން ފްލެޓްތައް އޭގެ ވެރިންނާއި ހަވާލްކޮށްފައިވަނީ ފްލެޓްތަކުގެ ފިނިޝިން ގެ މަސައްކަތްތައް ނުނިންމައި ހަމައެކަނި ފެނާއި ކަރަންޓު ގުޅައި ދިނުމަށް ފަހު އެވެ.

އެތަނުގައި މީހުން ދިރިއުޅެން ފެށިއިރު އެބޭފުޅުންނަށް ލިބެންޖެހޭ ގިނަ އަސާސީ ޚިދުމަތްތައް ނުލިބޭކަން ފާހަގަކުރެ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުލި ބޮޑުވުމުގެ މައްސަލަ އެވެ. ކުލި ނަގަން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށާފައިވާއިރު، ކުލި ކުޑަކުރުމަށް ދަނީ މުޒާހަރާ ކުރަމުންނެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި އޮތީ 5،500 ރުފިޔާ އެވެ.

ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި މިހާރު ނަގަނީ 8،500 ރުފިޔާ އެވެ. އެއީ ކުއްޔަށްވާ 7500 ރުފިޔާއާއި ފްލެޓްގެ މެއިންޓަނަންސްއަށް ނަގާ 1،000 ރުފިޔާ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި މިމަހުގައި ނަގަން ފަށާފައިވާއިރު، ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދަތިތަކަށް ލުއި ހޯދައިދީ ކުލި ކުޑަކޮށްދީ، ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްދިނުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފަ އެވެ.