ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މާލެ އަތޮޅުން މެމްބަރުން އިތުރު ކުރަންޖެހޭކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގައި މާލެ އަތޮޅުގެ ރަށްތަކަށް ފައްޔާޒު ދަތުރުކުރައްވަމުން ގެންދާއިރު، ފައްޔާޒު ވަނީ މާލެ އަތޮޅުގައި އެޕާޓީގެ ޕާޓީގެ މެމްބަޝިޕް ޑްރައިވް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ހަމައެހެންމެ މާލެ އަތޮޅަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރުގެ އިގްތިސާދީ މަންފާ ލިބޭ އަތޮޅެއް ކަން ފާހަގަކުރައްވައި ފައްޔާޒް ވަނީ އެ އަތޮޅުގައި މާބޮޑަށް ވެސް ޕާޓީ ހިންގަން ޖެހޭ ކަމަށް ވިދާޅުވެ ޓުވީޓުކުރައްވައިފަ އެވެ.

"މިއަތޮޅަކީ އިގްތިސާދީ ގޮތުން ވަރުގަދަ އަތޮޅެއް. މާލެ އަތޮޅު މާބޮޑަށް ވެސް ހިންގާލަން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ފައްޔާޒާ އެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ވާދަވެރި އިންތިހާބު ފަސްކޮށްފައިވާއިރު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހުގަ އެވެ.