މީލާދީން 2030 ވަނަ އަހަރު މުސްލިމުންނާ ދެފަހަރަށް ރަމަޟާން މަސް ބައްދަލު ކުރާނެ ކަމަށް ބައެއް ފަލަކީ އިލްމުވެރިން ވިދާޅުވެއްޖެ އެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި އެއަހަރު އެންމެ ފުރަތަމަ ރަމަޟާން މަސް ބައްދަލު ކުރާނީ ޖެނުއަރީ މަހު އެވެ. އަދި އެއަށްފަހު ޑިސެމްބަރު މަހު ފަހުކޮޅު ވެސް ރަމަޟާން މަސް ބައްދަލު ކުރާނެ އެވެ. މިކަން މިގޮތަށް އެންމެ ފަހުން ހިނގާފައި ވަނީ 1997 ވަނަ އަހަރު އެވެ.

އެއް އަހަރެއްގައި ދެފަހަރަށް ރަމަޟާން މަސް ބައްދަލުކުރާ ސަބަބަކީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގައި ހުރި ތަފާތު ކަމަށް އިލްމުވެރިން ބުނެ އެވެ. އެގޮތުން ހިޖުރީ އަހަރަކީ ކޮންމެ މީލާދީ އަހަރަކަށްވުރެ 11 ދުވަސް ކުރު އަހަރަކަށް ވުމާއެކު އެއް އަހަރެއްގައި ދެފަހަރަށް ހިޖުރީ މަސް ބައްދަލު ކުރަނީ އެވެ.

ހިޖުރީ ކަލަންޑަރަކީ ހަނދުގެ ހަރަކާތްތަކަށް ބަލައި ހަދާފައިވާ ކަލަންޑަރަކަށް ވާއިރު މީލާދީ ކަލަންޑަރަކީ އިރުގެ ހަރަކާތްތަކަށް ބަލައި ހަދާފައިވާ ކަލަންޑަރެކެވެ.

މީލާދީ ކަލަންޑަރުގެ ކޮންމެ އަހަރެއްގައި 365 ދުވަސް އޮތް ނަމަވެސް ކޮންމެ ހިޖުރީ އަހަރެއްގައި އޮންނާނީ 354 ދުވަހެވެ.