އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ގާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށް ވިދާޅުވެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޫނު ރައްދެއް ދެއްވައިފި އެވެ.
މަލީހުގެ މައްޗަށް އިތުބާރުނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ދިހަ މެންބަރަކު ސޮއިކޮށް ހުށަހެޅި މައްސަލަ އާއި ގުޅިގެން މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އިތުބާރުނެތް ކަމަށް ސޮއި ކުރެއްވި މެންބަރުން ހަވާލާދެއްވާފައިވާ ގާނޫނު އެ މެމްބަރުން ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ.
މަލީހު ވިދާޅުވީ އެ މައްސަލަ ވައްދާނަމަ ވައްދަންވީ ގާނޫނު އަސާސީގެ ޚިޔާލުފާޅު ކުރުމުގެ ހައްގުގެ ގޮތުގައި ކަނޑައަޅާފައިވާ 27 ވަނަ މާއްދާއައި ހަވާލާދީ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ކަނޑައެޅިގެން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ބޭނުންކޮށް ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންކަން އެންމެންނަށް ވެސް ސާފުވާނެކަމަށާއި، އެއްވެސް ގޮތެއްގައި މިއުޅެނީ މިނިސްޓްރީ ހިންގާ ގޮތުގެ މައްސަލައެއް އޮވެގެން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިނިސްޓަރ މަލީހުގެ އިތުބާރު ގެއްލިފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީޙް ހައްދަވާފައި ނުވުމާއި، އެ ކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ އެވެ.