ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ. ހަމައެހެންމެ ބޮލީވުޑްގައި އެންމެ ބޮޑަށް ފާއިތުވި ދުވަސްތަކުގައި ދެކެވުނު ވާހަކަ ތަކަކީ އެ ދެފަންނާނުންގެ ކައިވެނީގެ ވާހަކަތަކެވެ.

ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެ ދެ ފަންނާނުންގެ ކައިވެންޏަށް ދައުވަތުދީފައިވަނީ މަދު ބަޔަކަށެވެ.

ދެފަންނާނުންގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ފޮޓޯތަކަށް ފާޑުކިޔާފަ އެވެ. އެގޮތުން އާންމުން ވަނީ ގިނަ ފޮޓޯތަކުގައި ދޮންދޭ މަންޒަރު ގިނަކަން ފާހަގަކޮށްފަ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނީގެ ގޮތުން ގުޅުނީ މިމަހުގެ 14 ވަނަ ދުވަހުގަ އެވެ. އަދި ދެފަންނާނުންގެ ކައިވެނި ބާއްވާފައިވަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރާއިން އެކުގަ އެވެ.