ވެހި ރާއްޖެއާއި، އިންޑިއާ އާ އޮތް ގުޅުމުގެ މައިގަނޑު އެއް އަސާސަކީ ދިފާޢީގޮތުން ދޭ އެއްބާރުލުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް އާރު ހަރީ ކުމާރު، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. އަދި، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ދިފާޢީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސް ވަނީ ދިފާއީ ގޮތުން ދޭ އެއްބާރުލުމަކީ ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ވިދާޅުވެފަ އެވެ.

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މެރިޓައިން ސޭފްޓީ ހަރަކާތްތަކާއި، ދެ ގައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް ކުރިޔަށްދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް މި ކުރެއްވި ޒިޔާރަތަކީ ކާމިޔާބު ޒިޔާރަތަކަށް ވުމަށް އެދިވަޑައިގެންފަ އެވެ.