ކީވް (22 އޭޕްރީލް) - ރަޝިއާއިން އަންނަނީ ހިފާފައިވާ މެރިއުޕޯލްގައި މަރުވާ މީހުން ބޮޑެތި ކަށްވަޅުތަކުގައި ވަޅުލަމުން ކަމަށް ޔޫކްރެއިން އިން ބުނެފި އެވެ.

މެރިއުޕޯލްގެ މޭޔަރު ވޮޑީމް ބޮއިޗެންކޯއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރަޝިއާއިން ވަނީ މެރިއުޕޯލްގެ ކައިރީގައި އޮންނަ މަންގުޝް ކިޔާ އަވަށެއްގައި ބޮޑު ކަށްވަޅެއް ކޮނެ އެކި ދުވަސް މަތިން އެ ވަޅަށް މަރުވާ މީހުން އަޅާފަ އެވެ. މި ވަޅުގައި 3،000 އާ 9،000 އާ ދެމެދުގެ އަދަދަކަށް މީހުން ވަޅުލެވޭނެ ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑުމެންގެ މަސްދަރުތައް ބުނާ ގޮތުގައި ރަޝިއާއިން ވަނީ އޭޕްރީލް މަހުގެ ކޮންމެ ދުވަހަކު މެރިއުޕޯލްގައި މަރުވާ މީހުން ލޮރީތަކަށް ލައިގެން މި ވަޅަށް އަޅާފައި،" ބޮއިޗެންކޯ ވިދާޅުވި އެވެ.

ޔޫކްރެއިންއިން މިހެން ބުނެފައިވަނީ ބުޗާ އަވަށުގައި 70 އަށްވުރެ ގިނަ މީހުން ވަޅުލާފައިވާ ކަށްވަޅެއް ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި ހޯދުމަށްފަހު އެވެ.

ބޮއިޗެންކޯ އިތުރަށް ވިދާޅުވީ ރަޝިއާގެ މި އަމަލަކީ އެގައުމުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވުމަށްޓަކައި ކުރާކަމެއް ކަމަށެވެ.

ޔޫކްރެއިންގެ މި ތުހުމަތުތަކަށް ބާރުދެމުން ޔޫކްރެއިންގެ ސެޓެލައިޓް ފޮޓޯތައް އާއްމުކުރާ ކުންފުންޏެއް ކަމަށްވާ މެކްސާ ޓެކްނޮލޮޖީސްއިން ބުނީ އިދާރާތަކުން ބުނާ ސަރަހައްދުގައި ކަށްވަޅު ކޮނެފައިވާކަން އެކުންފުނީގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަން ހުރި ކަމަށެވެ.

މިފަދަ ވަޅުތަކުގައި ގިނަ ބަޔަކު ވަޅުލާއިރު ވަޅު ފުރުމުން ކުރިން ވަޅަށް ލާފައި ތިބި މީހުންގެ މަތި މައްޗަށް ވެސް މަރުވާ މީހުން އަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ