ހދ. ނައިވަދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެރަށު ކައުންސިލުން މަޝްވަރާކޮށްފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި އަތޮޅުގައި އަދި ރަށާ ކައިރި ސަރަޙައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢާ ގުޅޭގޮތުން އެމަނިކުފާނާ މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން އެރަށުގެ ސްކޫލާއި ކައުންސިލު އިދާރާ އަދި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާ ގުޅޭގޮތުންނާއި ޞިއްޙީ ޚިދުމަތް ފުޅާކޮށް އިތުރަށް ތަރައްޤީކުރުމާއި ކައުންސިލު އިދާރާއާ ޞިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުން ބޭނުންވާކަމާއި ޒުވާނުންނަށް ވޮލީކޯޓެއްގެ މުހިންމުކަމާއި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.