ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމާފައި ވަނީ ކުރީގެ ސަރުކާރުން ފަނޑިޔާރުންނަށް ދިން ފްލެޓްތަކެއް އެ ދެ ބޭފުޅުންނަށް ލިބިފައިވާތީ، އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އެވެ.

އެ ދެ ބޭފުޅުން ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު މޫސާ ސިރާޖު ވަނީ ޖޭއެސްސީގެ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

ސުލޫކީ ކޮމިޓީގެ އިއްތިފާގުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅުމަށްފަހު ކޮމިޓީގެ އެއް މެމްބަރަކު އިސްތިއުފާދިނުމުން އެހެން ބޭފުޅަކު ކޮމިޓީއަށް އައްޔަން ކުރި ހިސާބުން ކުރިން ނިންމާފައިވާ ނިންމުން ކުއްލިއަކަށް ބަދަލުވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވިގޮތުގައި ކުރިން ކޮމިޓީން ނިންމާފައި އޮތީ އެ ދެ ފަނޑިޔާރުންނަށް އެހެން ފިޔަވަޅެއް އެޅުމަށެވެ. ނަމަވެސް ކުއްލިއަކަށް އެ ނިންމުން ބަދަލުވީ އެވެ.

"މިކަން އަޅުގަނޑަށް ފެނޭ ޖޭއެސްސީ ފަރާތުން ސާފުކޮށްލަން. ފުރަތަމަ ސްލޫކީ ކޮމެޓީން އިއްތިފާގުން އެއްވެސް ސްލޫކީ މައްސަލައެއް ނެތްކަމަށް ނިންމަވާފަ. ފަހުން ކޮމެޓީއަށް ކުޑަ ބަދަލެއް އައިސް، އިއްތިފާގުން ނިންމަވާފައި އޮތް ނިންމުމެއް އެއްކޮށް އެ ބަދަލުވީ ކީއްވެތޯ އަޅުގަނޑު ބޭނުންވޭ،" ސިރާޖް ވިދާޅުވި އެވެ.

އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް ޖޭއެސްސީއަށް ފޮނުވުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.

ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ ދެ ފަނޑިޔާރުންނަށް ފްލެޓް ދިނުމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށެވެ.

އެ ބަޔާނުގައި ވަނީ ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިނ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ތަހުގީގަށް ފާހަގަވި ކަމަށެވެ.

އެ ދެ ފަނޑިޔާރުން ފްލެޓްތަކާ ހަވާލުވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފް ޢަމަލެއްކަން ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.