ޖުމްހޫރީ މައިދާން ސަރަހައްދުގައި އަލުން ވިނަ އިންދައި، އެ ސަރަހައްދު ފެހިކޮށްލައިފި އެވެ.

މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި އަލުން ވިނަ އިންދައި ފެހިކޮށްލާފައިވާކަން ހާމަކޮށްފައި ވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި އެވެ. އަދި ފެހިކޮށްލާފައިވާ ހިތްގައިމު މަންޒަރުގެ ބައެއް ފޮޓޯތައް ވެސް ވަނީ މޭޔަރު އާންމުކޮށްފަ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޖުމުހޫރީ މައިދާން އާބަތުރަފިލުވުމުގެ މަސައްކަތުގެ ތެރެއިން ވިނަ އިންދާ ފެހިކޮށް ނިންމާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ޖުމުހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ކަމަށާއި އެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ނިންމާލެވުނީސް ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ނިންމާނުލެވުނު ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ އެކި އިވެންޓުތަކަށް ޖުމުހޫރީ މައިދާން ބޭނުން ކުރަން ޖެހުމުގެ ސަބަބުން ވިނަތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތް ނިންމުމަށް އިތުރު އެއް މަސްދުވަސް ނެގި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ޖުމުހޫރީ މައިދާނުގައި ކުރިން ހުރި ވިނަތައް ނަގައި ބަދަލުކުރީ އޮސްޓްރޭލިއަން ގްރާސްއަށެވެ.

އެތަން އަލުން ރީތިކުރުމުން މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ގިނަ ބަޔަކު ވަނީ މޭޔަރު މަސައްކަތަށް ތައުރީފުކޮށް، ޝުކުރު އަދާކޮށްފަ އެވެ.

ސިޓީ ކައުންސިލުން ވަނީ ކުރީގެ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ޖުމްހޫރީ މައިދާނުގައި ބެހެއްޓި ފެންއަރުވާ ވަޑާން ވެސް ހަލާކުވާން ކައިރިވެފައި ހުއްޓާ އެ އަލުން މަރާމާތުކޮށްފަ އެވެ.

ޖުމްހޫރީ މައިދާނަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާޔަށް ފަހު، 1989 ވަނަ އަހަރު ހުޅުވި ގައުމީ ވަންތަކަމާއި ދިވެހި އަބްތާލުންގެ ގުރުބާނީ ރަމްޒުކޮށްދޭ މައިދާނެކެވެ.