ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު އެކްޓަރު ބިޕާޝާ ބާސޫއާ، ކަރަން ސިންގް ގްރޯވަރު، އެދެމީހުންގެ ކައިވެނީގެ ހަވަނަ އަހަރު ފާހަގަކޮށްފި އެވެ.

ދެ ފަންނާނުންނަކީ ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެދީ، އާންމުންގެ ލޯބި ހޯދާފައިވާ ފަންނާނުންނެވެ. ހަމައެހެންމެ އެދެމީހުންގެ ޖޯޑަށް އާންމުންގެ ތައުރީފާއި ސަޕޯޓު އަބަދުވެސް ލިބެމުންދެ އެވެ.

ދެފަންނާނުން ވެސް ވަނީ ކައިވެނީގެ އެނިވާސަރީއާއި ގުޅިގެން ފަންނާނުންގެ އިންސްޓަގްރާމުގައި އެކަން ފާހަގަކޮށް ޕޯސްޓެއް ޝެއާކޮށްފަ އެވެ. ދެފަންނާނުންގެ ޕޯސްޓުގައިވެސް ކައިވެނީގެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އޭގާއި އެކަކު އަނެކަކު ދެކެ ލޯބިވާވަރު ބަޔާންކޮށްދީފައިވެ އެވެ.

އެގޮތުން ބިޕާޝާގެ ހަޔާތަށް އުފާވެރިކަން ގެނެސްދިނީ ކަރަން އޭނާގެ ހަޔާތަށް އައުމުން ކަމުގައި އޭނާ ބުނެފައިވެ އެވެ. އަދި އެކަމަށް އޭނާ ވަނީ ކަރަން އަށް ޝުކުރު އަދާކޮށްފަ އެވެ. ހަމައެހެންމެ ކަރަން އާންމުކުރި ޕޯސްޓުގައި އޭނާ ބުނީ ބިޕާޝާ އޭނާގެ މީހަކަށް ވީތީ އުފާކޮށް، ނަސީބުވެރިއެއްގެ ގޮތުގައި ދެކޭކަމަށެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ މީގެ ހަ އަހަރު ކުރިން 2016 ގެ އޭޕްރިލް 30 ވަނަ ދުވަހުގަ އެވެ. ބޮލީވުޑްގެ ހިޓް ސްޓާރަކަށް ވެފައި ޑްރާމާ ކުޅޭ މީހަކާއި އިނުމުން ބިޕާޝާ އަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އާންމުން މިހާރު އެދެމީހުންގެ ޖޯޑަށް ތަރުހީބުދެ އެވެ.