އެމްޑީޕީ އަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން އުޅޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހދ. ކުމުންދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާއްޔާޒް ވިދާޅުވީ ކެމްޕެއިން ކުރަންޖެހޭނީ ނަފްރަތު އުފައްދައިގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އެ ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް އިމްތިތާޒް ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން އަމަލުކުރަމުންދާ ގޮތުގެ ވާހަކަ އެވެ. އިންތިގެ ޓީމުން އަންނަނީ އަސްލު އެމްޑީޕީ އަކީ އެ ޓީމު ކަމަށް ބުނެ ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަދައްކަމުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބެއްގައި މޮޅުވާން ކުރަންޖެހޭނެ ކަމަކީ އެބޭފުޅެއްގެ ތަސައްވަރު ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށެވެ. އަދި އެކަމަށް ބަލާފައި ރައްޔިތުން ފެންނަގޮތަކަށް ވޯޓު ދޭނެ ކަމަށާއި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ ޓީމުން ނަފްރަތު އުފެއްދުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި ހަމައެކަނި ކުރަމުންދާ މަސައްކަތަކީ ޕާޓީގެ އާންމު މެމްބަރުންގެ ތާއީދު ހޯދުމަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރި ވަނީ ގަދަވެފަ އެވެ. އެގޮތުން ފައްޔާޒްގެ ކެމްޕެއިން ވަރުގަދަކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ކަންބޮޑުވުމެއްގަ އެވެ.

އެމަނިކުފާނު ވަނީ އެކި ފަހަރުމަތިން ފައްޔާޒަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފަ އެވެ.