ތ. ދިޔަމިގިލީ މުދިމަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލީ މޯނިންގސްޓާ ޙަސަން ސާމިދު ޙުސައިންގެ މައްޗަށް ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އަދި (ބ) އާ ހަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، އޭނާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލަ ހުށަހެޅީ ދިޔަމިގިލީ ކޯޓަށް ކަމަށް ޝަފީއު ވިދާޅުވި އެވެ.

މި ހަމަލާދިން ސަރަހައްދުގައި ހުރި ގެއެއްގެ ސީސީޓީވީ ކެމެރާއަކުން ހަމަލާގެ މަންޒަރު ރެކޯޑުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރެމުންނެވެ.

އެ ވީޑިއޯގައި މީހަކު މަގުމަތިން މުދިމު ހުއްޓުވައި ވާހަކަދައްކަން ހުރި މަންޒަރު ފެނެ އެވެ. އަދި އެއަށްފަހު ކުއްލިއަކަށް އޭނާ މުދިމަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މުދިމަށް ހަމަލާދިން ވަގުތު އޭނާ އަތުގައި ވަޅިއެއް ވެސް އޮތެވެ. އަދި ހަމަލާ ދިނުމާއެކު މުދިމު މިހާ ފާރު ކާރިއަށް ވެއްޓި ހަރަކާތް ނުކުރެވި އޮތް އިރު ވެސް، ހަމަލާދިން މީހާ ވަނީ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު އަނެއްކާ ވެސް ގޮސް ހަމަލާދީފަ އެވެ.

މުދިމުގެ ހަށިގަނޑަށް އެތައް ފަހަރަކު ހަމަލާދިނުމަށްފަހު އޭނާ ވަނީ އެ ސަރަހައްދުގައި ހުރި ވެލި ބަސްތާތަކެއްގައި ވަޅީގައި ހުރި ލޭ ހާކައި ސާފުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯއާއެކު ގިނަ ބަޔަކު ވަނީ މި އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.