ވޮޝިންޓަން (07 މެއި) ހުޅަނގު އައްސޭރިއާއި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން އިތުރު ޔަހޫދީން އާބާދު ކުރަން ކުރާ މަސައްކަތްތައް އެމެރިކާއިން ކުށްވެރިކޮށްފި އެވެ.

އެމެރިކާއިން މިކަން ކުށްވެރި ކޮށްފައި މިވަނީ ހުޅަނގު އައްސޭރީގައި އިތުރު 4000 ހައުސިން ޔުނިޓް އަޅަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެފައި ވަނިކޮށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖަލީނާ ޕޯޓާ ވިދާޅުވީ އިޒްރޭލުގެ ރޭވުންތައް އެމެރިކާއަށް އެނގޭ ކަމަށާއި އެއީ ފަލަސްތީނާއި އިޒްރޭލުގެ މަޝްރަހު އިތުރަށް ނުތަނަވަސްވާނެ ކަމަކަށް ވާތީ އެމެރިކާއިން އެކަމަށް ތާއީދު ނުކުރާ ކަމަށެވެ.

"ހިފާފައިވާ ބިންތަކުގައި އިތުރަށް މީހުން އާބާދު ކުރުމަކީ ސުލްހައާ ދުރަށް އެޅޭ ފިޔަވަޅެއް" ޖަލީނާ ވިދާޅުވި އެވެ.

އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައިވާ ސަފީރު ތޯމަސް ނައިޑްސް ވިދާޅުވީ މިކަމުގައި އެމެރިކާގެ ވިސްނުން އިޒްރޭލުގެ ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާގެ މި ފިޔަވަޅަށް އިޒްރޭލުން ރައްދު ދީފައި ނުވާއިރު މީހުން އާބާދުކުރުން ހުއްޓުވުމަކީ ސަރުކާރަށް ގޮންޖެހުންތަކެއް ކުރުވާނެ ކަމެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. - އަލް އަރަބިއްޔާ