މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހިޔާ ފްލެޓްގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް ކޯރާޑިއަކުން ފުލުހުންނަށް ހަމަލާދީފި އެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހިޔާ ފްލެޓްގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހަކަށް ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އެނގިފައިވާގޮތުގައި އަނިޔާ ލިބުނީ ފުލުހެއްގެ އަތަށެވެ.
އެނގިފައިވާގޮތުގައި މިހާރު މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކަކީ ދެ ގޭންގެއްގެ ދެމެދުގައި ހިނގާ މާރާމާރީތަކެކެވެ. އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މާރާމާރީތަކުގައި އެކި މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.
މި މައްސަލަތަކުގައި ޝާމިލްވާ އުމުރުން 15 އަހަރުން ދަށުގެ ކުދިން ވެސް އެބަތިއްބެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އޮތްގޮތުން އެ ކުދިންނަށް ދެވޭނެ އެއްވެސް އަދަބެއް ނެތެވެ.
މިރާއްޖޭގައި ކުށަށް އަރައިގަތުން މަދު ނުކުރެވޭނެއެވެ. އިސްލާމް ދީނުގައި ޢުމުރުން 15 އަހަރު ވުމުން ތަސައްރަފު ފުދި ބޮޑުމީހަކަށް ވާއިރު މި ރާއްޖޭގައި އެއީ ތުއްތު ތުއްތު ކުއްޖެކެވެ. އަދި ހައްޔަރު ކުރިޔަސް ޚާއްޞަ އެތައް ޢިނާޔަތެއް ދެވެއެވެ. އަދި ކުއްވެރި ވާއިރު ހިޔުމަންރައިޓުސް ކިޔާ ބަޔަކު ހޭބޯނާރާ ތެޅިބާލައެވެ. ކުށްކުރުމުގެ ކުރިން މިކިޔާ ޖަމާޢަތަށް ކުދިން ކޮންމެ ފޮތަކަށް އުޅުނަސް ކަހަރު ވަކެކޭވެސް ހީނުވެއެވެ.