ސައުދި އަރަބިއާ އިން މިއަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން ރާއްޖެ ހަދިޔާކުރަން ނިންމީ 50 ޓަނު ކަދުރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭގެތެރެއިން ބައެއް ކަސްޓަމްސްއިން ކްލިއާކޮށް މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެތަކެތި ރަސްމީކޮށް ހަވާލުކުރަން ސައުދީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކަދުރު ހަވާލުކުރަން ފަށާނީ ސައުދީގެ ވަފްދު ރާއްޖެ ވަޑައިގެން ރަސްމީކޮށް ކަދުރުތައް ސަރުކާރާ ހަވާލުކުރުމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ކަދުރު ބަހާނެ ޚާއްސަ އުސޫލެއް ނާންގައިފިނަމަ ކަދުރު ބަހާނީ އާންމު އުސޫލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާންމުކޮށް ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން ސައުދީން ހަދިޔާކުރާ ކަދުރު ލިބެ އެވެ. ނަމަވެސް މިފަހަރު ކަދުރު އައުން ލަސްވީ ކީއްވެ ކަމެއް ނޭނގެ އެވެ.