އެމެރިކާ އަސްކަރިއްޔާގެ ސިފައިންގެ މެދުގައި ފަލަބަލި އިތުރުވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޖާނަލް އޮފް ނިއުޓްރިޝަން އެޑިއުކޭޝަން އެންޑް ބިހޭވިއާގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން އަސްކަރީ ސިފައިންގެ މެދުގައި ފަލަބަލި އިތުރުވުމަކީ ކުއްލި ހާލަތެއްގައި އަމަލު ކުރަން ދަތިތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

އަސްކަރިއްޔާއަށް އަލަށް ހޮވާ ސިފައިންނާއި ހިދުމަތުގައި ތިބި ސިފައިންގެ މެދުގައި މި ދިރާސާ ކުރެވުނީ ފަލަބަލީގެ ސަބަބުން އަސްކަރީ ޕާފޯމަންސް ނުވަތަ ގާބިލިއްޔަތަށް އަންނަ ބަދަލު ދެނެގަތުމަށެވެ.

އެގޮތުން ސިފައިންނަކީ ފަލަބަލި ތަހައްމަލުކުރާ ބަޔަކަށްވެ ސިފައިންގެ އާއްމު ސިއްހަތު ދަށްވުމަކީ ތަމްރީނުތަކުގައި ދަސްކުރި ކަންކަން ބޭނުންކުރަން އެޅޭ ހުރަހެއް ކަމަށާއި އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި އަމަލުތައް އަވަސްކުރަން އުނދަގޫވާނެ ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާގައިވާ ގޮތުން މިވަގުތު އެމެރިކާގެ އަސްކަރިއްޔާގައި ތިބި 20 ޕަސެންޓް މީހުންނަކީ ފަލަބަލި ތަހައްމަލު ކުރަމުން އަންނަ އަދި އެކަމުގެ ސަބަބުން އެހެން ބަލިތަކަށް ހުށައެޅިފައިވާ ސިފައިންނެވެ.

އެހެން ކަމުން ގައުމީ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި ސިފައިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.