މަޝްހޫރު ބޮލީވުޑްގެ ތަރި ސަލްމާން ޚާން ޕްރޮޑިއުސްކުރާ ފިލްމުގެ ބަތަލާގެ މަގާމު ކުޅޭ ޝެހެނާޒް ގިލް، އެ ފިލްމުގައި ހުންނަ ގޮތް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުގައި ޝެހެނާޒް ފެނިގެން ދަނީ ބަހަކުން ފައިބާ މަންޒަރެވެ. އަދި އެ ފޮޓޯތަކުގައި ޝެހެނާޒް ފިޔާތޮށި ކުލައިގެ އަރިފެޅި ހެދުމެއް ލައިގެން ހުންނައިރު، ބޮލުގައި މަލުން ހަދާފައިވާ "ގަޖްރާ" އަޅައިގެން ހުންނަތަން ފެނެ އެވެ.

މި ފޮޓޯއާއެކު ޝެގެނާޒް ކުޅޭ އެ ފިލްމުގެ ޝޫޓިން ފެށިގެން މިހާރު ކުރިއަށްދާކަން އާންމުންނަށް ވަނީ އެނގިފަ އެވެ.

"ކަބީ އީދު ކަބީ ދިވާލީ" ގައި ބަތަލާގެ ރޯލު ޝެހެނާޒު ކުޅެދޭއިރު، އެ ރޯލު ކުޅުމަށް އޭނާގެ ގާތުގައި އެދިފައިވަނީ ސަލްމާނެވެ. އަދި ޝެހެނާޒު ބޭނުންވާ އަގަކަށް އެރޯލު ކުޅުމަށް ސަލްމާނު ބުނެފައިވެ އެވެ.

ފިލްމުގެ ޝޫޓިން ދުވަސްތައް ހަމަޖައްސާފައި ވަނީ ވެސް ޝެހެނާޒު ހިތް އެދޭ ގޮތަށް ކަން ހާމަވެފައިވެ އެވެ.

ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް، ގިނަ ބައެއްގެ މެދުގައި މަގުބޫލްވެފައި ވަނީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުންނެވެ.

ޝެހެނާޒްގެ ކުރީގެ ލޯބިވެރިޔާ ސިދްހާރްތް ޝުކްލާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާއާ އެހެނިހެން ގޮތްގޮތުން ވެސް ޝެހެނާޒަށް ހިތްވަރުދީ ކުރިއެރުމަށް އެއްބާރުލުން ދެމުންނެވެ.

ހަމައެހެންމެ ފަހަކަށް އައިސް ޝެހެނާޒާއި ސަލްމާނު ގާތް ގުޅުމަކީ އާންމުންގެ ތެރޭގައި ދެކެވޭ މަޝްހޫރު ވާހަކައެކެވެ. އަދި ޝެހެނާޒަށްޓަކައި ސަލްމާނު އޭނާގެ އުސޫލުތައް ބަދަލުކޮށް ހުރިހާ ކަމެއް ކުރާކަން ވެސް އާންމުން ފާހަގަކޮށްފައިވެ އެވެ.