އަތުގައި ހުންނަ ހެދުންތައް ބާނުވަނީސް އާ ހެދުން ގަތުމަކީ އަހަރެމެންގެ ގައިގައި ހިފާފައިވާ ނުރަނގަޅު އާދަ އެކެވެ. މިކަމުގެ ކުރީގައި އުޅެނީ ވަކި ޖިންސެއްގެ ބައެކޭ ބުނެވޭކަަށް ނެތެވެ. އާންމުކޮށް އެންމެ ގިނަ ދުވަހަށް ހެދުމެއް ލިޔަސް ލަނީ ދެ އަހަރު ދުވަހަށެވެ. އަދި އެއްލާލާ ބައެއް ހެދުންތަކަކީ އެއް ފަހަރު ނޫނީ ދެ ފަހަރު ލައިފައި ހުންނަ ހެދުންތަކެވެ.
މިފަދައިން ފައިސާއާއި ހެދުން އިސްރާފު ކުރުމުގެ ބަދަލުގައި ގިނަ ދުވަސްވަންދެން އެ ހެދުން ލާނެ ގޮތެއް ހޯދަން އެބަޖެހެ އެވެ. މިކިޔައިދެނީ ބައެއް ޓިޕްސް ތަކެވެ.
އަމިއްލަ އަށް ބައެއް މަރާމާތުތައް ކޮށްލުން
ހެދުން މަރާމާތުކުރަން މާ ބޮޑު ހަރަދެއް ކުރަންޖެހެ ނަމަ އަމިއްލަ އަށް އެކަހަލަ ކަންތައް ކުރަން ދަސްކުރެވިދާނެ އެވެ. މިސާލަކަށް ހެދުމުގެ ގޮށެއް ނެއްޓުމުން އެ ގޮށް އަމިއްލަ އަށް ހަރުކޮށް، ހެދުން ކޮށައިގެން ދިއުމުން އަމިއްލަ އަށް ތިނޯހުން އެތައް ފަހާލަން ދަސްކުރާށެވެ. މިފަދަ އުކުޅުތައް ދަސްކުރެވޭނެ ފަސޭހަ އެތައް ގޮތެއް އެބަހުއްޓެވެ. މިސާލަކަށް ޔޫޓިއުބް، އިންސްޓްގްރާމުގައި މިފަދަ ބައިވަރު ވީޑިއޯތައް މިހާރު އެބަހުއްޓެވެ.
ލައް ފިލުވުން
ހެދުމުގައި ލަފެއް ޖެހިއްޖެ ނަމަ އެވީ ދެން އެ ހެދުމެއް އެއްލާލަން ކަމަށް ހީނުކުރާށެވެ. އެއްލާލާނީ އެއްވެސް އިތުރު ގޮތެއް ނެތުމުންނެވެ.
މިސާލަކަށް ހެދުމަށް ކޮފީ ނޫނީ ސައި އެޅުމުން ވިނެގާ އާއި ފެނާއި އެއްކޮށްފައި ހުންނަ އެއްޗަކުން ހެދުން ފޯކޮށްލާށެވެ. މޭކްއަޕް ޖެހިއްޖެ ނަމަ ޝޭވިން ކްރީމް އުނގުޅާލާށެވެ. އަދި 10 މިނެޓު މަޑުކުރުމަށް ފަހު ފިނި ފެނުން ދޮވެލާށެވެ. އެއަށް ފަހު ހޫނު ފެން ބޭނުންކޮށްގެން ތަކުރާރު ކުރާށެވެ.
ގިރިސް ފަދަ ތަކެތިން ލަފެއް ޖެހިއްޖެ ނަމަ އެ ލަށް ފިލުވަން ތަށި ދޮންނަ ސައިބޯނި ނުވަތަ ކުޑަކުދިން މޫނުގައި ޖަހާ ފުށް ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުންވެސް ލައް ފިލުވާލާނެ އިތުރު ގޮތްތައް ތިރީގައިއެވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.
https://issuu.com/fashionrevolution/docs/fr_zine2_rgb/47
ހެދުން އެއްލާލާނީ މީގެތެރެެއިން އެއްވެސް ކަމެއް ކާމިޔާބު ނުވުމުންނެވެ.
އެހެން މީހަކަށް ދިނުން
ބައެއް ހެދުންތައް ގަނެފައިވެސް ލާހިތެއް ނުވެ އެވެ. އެހެން ވޭ ދޯ އެވެ؟ އެވީ އަދި އެ ހެދުން އެއްލާަލާކަށް ނޫނެވެ. އެއްލާލުމުގެ ބަދަލުގައި އެ ހެދުން ބޭނުންވާ އެހެން މީހަަކަށް ދެވިދާނެ އެވެ.