ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާންއަށް އޭނާގެ އަމިއްލަ ގޭގެ ޑިޒައިން ބަދަލު ނުކުރެވޭނެ ކަަމަށް ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހު ވަނީ އޭނާގެ އާއިލާއާ ދިރިއުޅެމުން ގެންދާ ގޭއާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އޭނާ ދިރިއުޅޭ ގޭގައި ހުރިހާ ކަމެއް ޑިޒައިން ކުރުމާ ހަވާލުވެ ހުރީ އަންހެނުން ގޯރީ ޚާން ކަމަށް ޝާހު ވަނީ ބުނެފަ އެވެ.

ޝާހު ބުނިގޮތުގައި އޭނާގެ އަންހެނުން ގޯރީއަކީ ވެސް ވަރަށް މޮޅު ޑިޒައިނަރެކެވެ. އަދި ގެ އެކި ކަހަލަ އަގުބޮޑު ތަކެތިން ޖަރީކޮށް، ރީތިކުރަނީ އޭނާގެ އަންހެނުން ކަމަށާއި، ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް އެތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަކީ އޭނާގެ އަންހެނުން މަނާކޮށްފައިވާ ކަމެއް ކަމަށް ޝާހު ބުނެފައިވެ އެވެ.

ދާދި ފަހުން ވެސް ޝާހުއާ ގުޅުވައިގެން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އޭނާގެ ގޭއާ ގުޅުވައިގެން ދެކެވުނު ވާހަކަތަކެކެވެ. އެގޮތުން ގޭގައި ހަރުކޮށްފައިވާ ނަން ބޯޑަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، "މަންނަތު" ނަމަކަށް ކިޔާ އެ ނަން ބޯޑުގެ އަގަކީ 20-25 ލައްކަ ރުޕީސް ކަމަށް ރިޕޯޓުތަކުން ބުނެފައިވެ އެވެ.

ޝާހު އިތުރަށް ބުނީ، އަންހެނުން ގޯރީ، އަގުބޮޑުކޮށް ގެ ޑިޒައިންކޮށް ހަދަނީ ގޭގެ ޑިޒައިނާއި، އާއިލާގެ ފެންވަރު ރަމްޒުކޮށްދޭ މިންވަރު ބަލާފައި ކަމަށެވެ.