ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "މެރީނާ ވިއު އެޕާޓްމަންޓް" ނަމުގައި 549 ހައުސިން ޔުނިޓް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ ތިން އިމާރާތެއްގެ މަސައްކަތެވެ.

މި މަޝްރޫއަކީ ވިޔަފާރި އުސޫލުން ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މެރީނާ ވިއު އެޕަރޓްމަންޓްތައް ހަދަން ބިން ކަނޑައަޅާފައި ވަނީ ފިތުރޯނުމަގުން ގޮސް، ފޭސް ދޭކާ ގުޅޭ ސަރަޙައްދުގަ އެވެ. މި މަޝްރޫއަކީ އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ކޮންމެ ހައުސިން އިމާރާތަކާއެކު، ކޮމާޝަލް އިމާރާތެއް ވެސް ހިމެނެ އެވެ.

މި މަޝްރޫޢުގެ ތިން އިމާރާތް ހަދަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ޖާގަ 13،000 އަކަމީޓަރަށް އަރަ އެވެ.

އެޗްޑީސީން ހަދާފައިވާ ގައިޑްލައިންގައި ބުނެފައިވަނީ، މި މަޝްރޫއުގައި ހަދާ ތިން އިމާރާތުގައި 549 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށެވެ.

އެއީ 231 އެޕާޓްމަންޓްގެ އިމާރާތަކާއި، 110 އެޕާޓްމަންޓްގެ އިމާރާތަކާއި، 208 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މި މަޝްރޫޢުގައި ހިމެނެނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި މަދުވެގެން 750 އަކަފޫޓު ހުންނަން ޖެހޭނެ ކަމަށް ގައިޑްލައިންގައި ކަނޑައަޅާފައިވެ އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 1،000 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހުންނާނެވެ. އެއިން ކޮންމެ އެޕާޓްމަންޓެއްގައި ސިޓިން ރޫމާއި، ބަދިގެއާއި، ލޯންޑްރީއާއި ބެލްކަނީ ވެސް ހުންނަން ޖެހެ އެވެ.

މިއިން ކޮންމެ އިމާރާތެއްގެ ބޭސްމަންޓްގައި ޕާކުކުރާނެ ޖާގަ ހިމެނެ އެވެ.

މި މަޝްރޫއާއެކު ދެން ހިމެނެނީ ވިޔާފާރިކުރުމަށް ހަދާ "މެރީނާ ވިއު ކޮމާޝަލް" އެވެ. މި މަޝްރޫއަކީ ވަކިވަކި ތިން އިމާރާތެއް ހިމެނޭ މަސައްކަތެކެވެ. އެއީ ދެ ފަންގިފިލާގެ އިމާރާތްތަކެވެ.

މިއިން ކޮންމެ އިމާރާތެއްވެސް ހުންނާނީ، މަޝްރޫއުގައި ތަރައްގީކުރާ ހައުސިން އިމާރާތްތަކުގެ ކުރިމައްޗަށްވާ ގޮތަށެވެ. އަދި ފްލެޓް އިމާރާތާއި ކޮމާޝަލް އިމާރާތް ހުންނާނީ ބްރިޖަކުން ގުޅާލާފަ އެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތައް ހޯއްދުމަށް އެޗްޑީސީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މިކަމަށް އެދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.