ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވަނީ ޖުމުލަ 22 ބިލް ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ހަތް ބިލްވަނީ އެމަޖިލީހަށް ފޮނުވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިހާތަނަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަކީ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ނައުމުގެ ބިލާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުނި ނައްތައިލުމާއި މެނޭޖްކުރުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ނުލިބޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ވާހަކަފުޅަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"މި ދެބިލް މަޖިލިހަށް ހުށަހެޅުމުން އެ ބިލްތަކާ ބެހޭގޮތުން ބަހުސްކުރެއްވުމަށް ޓޯކިންގ ޕޮއިންޓްސް ހޯދުމަށްވެސް މަޖިލީހުން ރައީސް އޮފީހުގައި ވަނީ އެދިފައެވެ. މަޖިލީހަށް ނުލިބޭ ބިލަކާ ބެހޭ ގޮތުން ޓޯކިންގ ޕޮއިންޓްސް ހޯދުމަށް މީގެ ކުރިން މަޖިލީހުން އެދިފައެއް ނުވެއެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނިގޮތުގައި މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން އިތުރަށް މުރާޖައާކުރަން މިހާރު ޖެހިފައިވަނީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެކަންޏެވެ. އެބިލްވެސް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާ ވިދާޅުވީ މި ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހެނދު ފޮނުއްވި ލިސްޓުގައި ހިމެނޭ 22 ބިލުގެ ތެރެއިން މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވަނީ މިދިޔަ ހަފްތާގައި ފުރަތަމަ ކިޔުންއިއްވާފައިވާ ދެ ބިލު އެކަނި ކަމަށެވެ.
މަޖިލީހަށް ހުށަހަޅަން އެމްޑީޕީ އޮފީހަށް ރައީސް އޮފީހުން ބިލްތައް ފޮނުވާފައިވާ ގޮތުގެ ތަފްސީލް
- ކުނި މެނޭޖް ކުރުމުގެ ބިލް (އޭޕްރީލް 24ގައި)
- މާލިއްޔަތު ގާނޫނުގެ އިސްލާހު (9 މެއި)
- ކޯޓްތަކުގެ ގާނޫނުގެ އިސްލާހް (17 މެއި)
- ޖޭއެސްސީގެ ގާނޫނުގެ އިސްލާހު (17 މެއި)
- ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހް (22 މެއި)
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ އިސްލާހް (25 މެއި)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހް (25 މެއި)