ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުންފުނިތަކުން ތަރައްގީ ކުރަމުން އަންނަ ފްލެޓްތަކަށް ސެޕްޓެމްބަރު މަހު ކަރަންޓްގެ ހިދުމަތް ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކަރަންޓް ނެޓްވޯކް ގާއިމްކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް ކުންފުނިތަކުން ތަރައްގީ ކޮށްފައިވާ ފްލެޓްތަކަށް ސެޕްޓެމްބަރު މަހު ކަރަންޓު ލިބޭނެ ކަމަށެވެ.
ދެވަނަ ފިޔަވަހީގެ ކަރަންޓް ގާއިމުކުރުމުގެ މަޝްރޫއުގެ ހުރި ދަތިތަކާ ހެދި އަމަލީ މަސައްކަތް ލަސްވެފައިވާތީ އެކަމާ ގުޅިގެން އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީސީ އަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫގައި މިވަގުތު ކުރެވެމުން ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.
ހުޅުމާލެ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން ދަނީ ކަރަންޓް ދެމުންނެވެ.