ކީވް (28 މެއި) - ރަޝިއާއިން ހިފާފައިވާ ހުޅަނގު ޔޫކްރެއިންގެ ޑޮންބަސް އަލުން ޔޫކްރެއިންއަށް ލިބޭނެ ކަމަށް އެ ގައުމުގެ ރައީސް ވްލަދިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ގައުމާ މުހާތަބް ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ ޑޮންބަސް މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި ރަޝިއާގެ ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.

"އެހެން ކަމުން އަހަރުމެންގެ ދިފާއު ވަރުގަދަ ކުރަންޖެހޭ. ރަޝިއާއިން ކިތަންމެ ވަރަކަށް ގެއްލުން ދިނަސް ޑޮންބަސް އަލުން ޔޫކްރެއިން އަށް ލިބޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަޝިއާއިން އެ ސަރަހައްދަށް ކިތަންމެ ގެއްލުމެއް ދިން ނަމަވެސް ޑޮންބަސް އަލުން އާރާސްތު ކުރެވޭނެ ކަމަށާއި އެނޫން ގޮތެއް ނެތް ކަމަށެވެ.

ރަޝިއާއިން ޑޮންބަސްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނައިރު ޔޫކްރެއިންގެ އަސްކަރީ ބާރު އެ ސަރަހައްދުގައި އަންނަނީ ދަށްވަމުންނެވެ.

އެއާއެކު ޔޫކްރެއިންއިން ވަނީ އިތުރު އަސްކަރީ އެހީ ފޮނުވައިދިނުމަށް ބައިނަލްވަގުވާމީ މުޖުތަމައުގެ ކިބައިން އެދިފަ އެވެ.

ޑޮންބަސްއަކީ ޔޫކްރެއިންގެ މައި ސަރުކާރާ ވަކިވެގަނެ ވަކި ދައުލަތެއް އިއުލާން ކޮށްގެން ހިންގާ ސަރަހައްކެވެ. މި ވަކި ދައުލަތް ރަޝިއާއިން ގަބޫލުކޮށްފައިވާއިރު މި ސަރަހައްދަކީ ރަޝިއާއަށް ވާގިވެރިވާ ސަޕަރޭޓިސްޓުން އުޅޭ ސަރަހައްދެކެވެ. -- ސީއެންއެން